19 Mar 2014, 15:19
މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަޒީފާއާ ބެހޭ ތަޖްރިބާ ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މަޖީދިއްޔާ ސްކޫލާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
އެމްއޭސީއެލް އާއި މަޖީދިއްޔާ ސްކޫލް ގުޅިގެން ހަ މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް އެމްއޭސީއެލްގެ ތަފާތު ޑިޕާޓްމަންޓްތަކުގައި ވަޒީފާގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ލިބިދޭނެ އެވެ.
އެމްއޯޔޫގައި ސޮއިކުރުމަށް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމް އެވެ. އަދި މަޖީދިއްޔާ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ އިސްމާއީލް އެވެ.
އެމްއޭސީއެލް އިން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ޒުވާނުން ވަޒީފާގެ ދާއިރާ އަށް އަހުކުވެރި ކުރުމާއި، ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، ހިންގާ އިންޓާންޝިޕް ޕްރޮގްރާމްގައި، ދަރިވަރުންނަށް އެ ކުންފުނީގެ ތަފާތު ޑިޕާޓްމަންޓްތަކާއި އަދި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ތަޖްރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ހަ މަސްދުވަހަށް ހިންގާ އިންޓާންޝިޕް ޕްރޮގްރާމްގައި ދަރިވަރުންނަށް، ކިޔެވުމާ އެކު ވަޒީފާގެ ހުނަރުތައް ލިބިދޭ އިރު، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާ އަށް އަހުލުވެރި ކުރުމަށް މިފަދަ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ކުންފުނީގެ މެނެޖްމަންޓުން ރާވާފައިވާ ކަަމަށް އެމްއޭސީއެލް އިން ބުންޏެވެ.