"ބައްޕަ ކާޑު ހަވާލު ކޮށްފައި ބުނީ ގޭގެ ކުލި ދައްކަން 8000 ރުފިޔާ ނަގައިގެން އަންނާށޭ. ބުނީމަ ދިޔައީ އެމްޕީއެލް ކައިރީ ހުންނަ ބާޒާރު ބުރާންޗަށް. އެތަނަށް ގޮސް އަށް ހާސް ރުފިޔާ ޖަހާލީމަ ލާރިއެއްނުނެގުނު، ސްލިޕް ހުސްވެފައި ހުރީމާ ސްލިޕް ކޮޅެއް ވެސް ނުގެނުނު. ދެން ދިޔައީ ވެލާނާގެ ތިރީގައި ހުރި އޭޓީއެމަށް. އެތަނަށް ގޮސް ލާރި ނެގުމުގެ ކުރިން ސްޓޭޓްމަންޓެއް ނަގައި ބެލި އިރު އޭގައި ވަނީ، އަށް ހާސް ރުފިޔާ އިރުކޮޅެއް ކުރިން ނަގާފައި އިން ކަމަށް. ބައްޕަގެ އެކައުންޓުން އިތުރަށް އަށްހާސް ރުފިޔާ ނެގޭކަށް ނެތް. ކޮންމެ ގޮތެއްވިޔަސް ގޭގެ ކުލި ނުދައްކާ ލަސްކުރެވޭކަށް ވެސް ނެތް. އެންމެ ފަހުން އަމިއްލަ އެކައުންޓުގައި ހުރި ލާރި ނަގައިގެން ކުލި ދެއްކީ. އެ މައްސަލަ ބޭންކަށް ހުށަހަޅައިގެން އުޅޭތާ ދެ މަސްވީ އަދި ވެސް ތަހުގީގު ކުރާ ކަމަށް ބުނަނީ ހަބަރެއްނުވޭ އަށް ހާސް ރުފިޔާއަށް ވީގޮތެއް އަދިވެސް އެނގެނީއެއްނޫން،" ސަމާހު އަހުމަދު ކިޔާ މީހަކު ބުންޏެވެ.

ބީއެމްއެލް އިން ދެމުން ގެންދާ ހިދުމަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާ އަޑު އިވޭ އިރު މައްސަލަ ހުށަހަޅައިގެން އެތައް މަހެއް ވޭތުވެގެންދާ އިރު ވެސް ހަބަރެއްނުވެ އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ.

ހިދުމަތެއްދޭ ނަމަ ކުންފުންޏެއްގެ އެންމެ ބޮޑު އަމާޒަކަށްވާނީ، ހަމަގައިމު ވެސް އެބައެއްގެ ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ކުންފުންޏާ ދޭތެރޭ އޮންނަ އިތުބާރެވެ. އާންމުންގެ ޝަކުވާ ހުއްޓުމެއްނެތި އަންނާނީ ހަމަގައިމު ވެސް ހިދުމަތުގެ މައްސަލައެއް އުޅޭތީކަން ގަބޫލު ކުރަންޖެހެ އެވެ.

"ދާދިފަހުން ބެންކުގެ ކާޑް ސިސްޓަމަށް ބަދަލު ގެނައުމާ އެކު ބެންކުގެ އިސް ފަރާތެއްކަމުގައިވާ ޝަރީފް ބުނުއްވީ، ސެކިއުރިޓީ ފީޗާސް މާބޮޑަށް ވެސް ވަރުގަދަ ކުރެވިފައިވާ ކަމަށް. އެކަމަކު އެތަނެއް ނުފެނޭ. އަޅުގަނޑު ހިތުން މިއީ ބެންކުގެ ހުރިހާ ކަސްޓަމަރުން ވެސް ކަންބޮޑުވާނެ ކަމެއް. ކާޑު ނެތި ޕިން ބޭނުންކޮށްގެން ވައްކަން ކުރެވޭ ނަމަ މިއީ އަރަތެއް،" މިއީ ދާދިފަހުން ބީއެމްއެލްގެ އެކަންޓުތަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ބޭރު ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކުރުމާ ގުޅިގެން މީހަކު ކޮށްފައިވާ ކޮމެންޓެކެވެ. އެފަދަ ޝަކުވާތައް ކޮންމެ ދުވަހަކު ވެސް އާދެ އެވެ.

ނަމަވެސް ބޭންކުން ބުނަނީ އެކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށާއި ބޭންކު ހުޅުވާފައި ހުންނަ ކޮންމެ ވަގުތަކު ވެސް ފުރަންޓް އޮފީސް ސްޓާފުންގެ އިތުރުން ސްޕަވައިޒަރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ އެ އޮންނަ ޕްރޮސީޖާގެ ދަށުން އެ މައްސަލައަަކަށް ވީ އެންމެ އަވަހަކަށް ހައްލު ހޯދައިދެމުންގެންދާ ކަމަށެވެ.

"މިހާރު އިޝޫއެއް އުޅެންޏާ ސޯޝަލް މީޑިއާގައި ޝެއާކޮށްލީމަ ބުނަން މެއިލް ކޮށްލާށޭ. މެއިލް ކުރީމަ އެކަން ބަލާފައި ކޮމިއުނިކޭޓް ކުރަމުންގެންދާނެ،" ބޭންކުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އެކުންފުނިން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ ކަސްޓަމަރުންގެ އެއްބާރުލުން ލިބިގެން ކަމަށާއި އަދި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ގެންދަންޖެހޭ ފަރާތްތަކާ ހަމައަށް ގެންދިއުމުން އެކަމަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ގައުމީ ބޭންކުން ދޭ ކަމަށެވެ.

"މައްސަލައެއްގައި ސުވާލު ކޮށްފިއްޔާ ފްރަންޓް އޮފީސް ކުއްޖެއް ބުނާނީ އޭނަގެ ލިމިޓޭޝަން ދަށުން އެކަން ބަލަމުންދަނީއޭ. އެޕްލިކޭޝަން ހޭންޑްލް ކުރަން އިންނަ ކުއްޖާ އޭނައަކަށް ނޭނގޭނެ އޭގެ ޑީޓެއިލްއަށް ދާކަށް. ލަސްވަންޏާ އެއަށްވުރެ މަތީ ބޭފުޅަކާ ބައްދަލުކޮށްގެން އެކަމަށް ހައްލެއް ގެނެވޭނެ. ކޮންމެ ވަގުތަކު ވެސް ކަސްޓަމަރުންނަށް ބައްދަލު ކުރެވޭނެ. ހާއްސަކޮށް ކާޑުގެ ކަމެއް ވިއްޔާ އެ ބްރާންޗެއްގެ މެނޭޖަރާ ސީދާ ބައްދަލު ކުރެވޭނެ،" އޮފިޝަލު ވިދާޅުވި އެވެ.

ބޭންކުގެ ހިދުމަތާ މެދު ކުރާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިން މޭޒުދަށުގައި ތިބި ސްޕަވައިޒަރުން ވެސް މިހާރު ކަސްޓަމަރުން ތިބޭ އޭރިއާ އަށް ނެރެފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

"ކުރިްން ތިބޭގޮތަށް މޭޒެއް ކައިރީ އިށީނދެގެނެއް ނޫން ތިބޭނީ. ކޮންމެ ތަނެއްގައި ވެސް ކަސްޓަމާ އޭރިއާ ތެރޭގައި އުޅޭނެ ކުއްޖަކު ބަލަން. އެއީ ހަމަ ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރަން އުނދަނގޫވާތީ ގެނައި ބަދަލެއް. ކޮންމެ ގަޑިއެއްގައި ވެސް ވަދެފައި ޑައިރެކްޓްލީ ބައްދަލު ކުރެވޭ ގޮތަށް ސްޕަވައިޒަރެއް ހުންނާނެ،"
ކަސްޓަމަރުންގެ ޝަކުވާތައް ކިތަންމެ ގިނަ ނަމަވެސް ގައުމީ ބޭންކުން ބުނީ އެތަނުގެ ހިދުމަތް ރަނގަޅު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ވެސް ސްޓާފުން ރެކްރޫޓް ކޮށް ޓްރެއިން ކުރުމުގެ ބައި ކުރިއަށްދާ ކަމަށެވެ.