ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހެދުމުގެ ގޮތުން އިތުރު ހަ ރަށެއްގައި އައިސް ޕްލާންްޓު ގާއިމް ކުރުމަށް ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އަލަށް އައިސް ޕްލާންޓު ގާއިމް ކުރުމަށް ހަމަޖައްސާފައިވަނީ ރ. އަލިފުއްޓާއި، ބ. ތުޅާދޫ އާއި، ތ. ހިރިހަންދޫ އާއި، ގއ، ކޮލަމާފުށީގެ އިތުރުން ގއ. ދެއްވަދޫ އާއި ގއ. ދާންދޫގައި ކަމަށެވެ.

މިއަހަރު ތެރޭގައި ނ. އަތޮޅުގައި ވެސް އައިސް ޕްލާންޓު ގާއިމު ކުރުމަށް ނިންމާފައި ވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

"ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި މަސްވެރިކަމުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުނިތަކުގައި ހުރި އައިސް އުފެއްދުމުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވި" މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އަލަށް ގާއިމްކުރާ ހަ އައިސް ޕްލާންޓު ގާއިމް ކުރެވުމުން މަސްވެރިން އެސަރަހައްދުތަކުން އައިސް ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.