22 Dec 2010, 05:36
ރާއްޖޭގެ މާކެޓުގައި ފިޔާގެ އަގު އަތްފޯރާ ފަށަށްވުރެ މައްޗަށް ގޮސް، ފިޔާ ކިލޯއެއްގެ އަގު 40ރ. އަށް އަރާފައިވާ ކަމަށް ބައެއް ކުދި ފިހާރަތަކުން ބުނެފި އެވެ.
ބައެއް ފިހާރަތަކުން ބުނީ ހޯލް ސޭލް އަގުން ފިޔާ ކިލޯއެއް ލިބެނީ ގާތްގަނޑަކަށް 20ރ. އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.
ފިޔާ ބޭރުން އިމްޕޯޓުކޮށް ހޯލް ސޭލުކުރާ އަބުދުﷲ މުހަންމަދު ކިޔާ މީހަކު އިއްޔެ ބުނީ ފިޔާ ކޮންޓެއިނަރެއް އިންޑިއާ އިން ލިބޭ އަގު އެތައް ތަނަކުން ބޮޑުވެފައިވާ ކަމަށާއި ފިޔާ ބޭރުކުރުން ވެސް އެގައުމުގެ ސަރުކާރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
"ކުރިން އަޅުގަނޑު މެން 600 ޑޮލަރަށް ގެންނަ ފިޔާ ޓަނު މިހާރު 1000 ޑޮލަރަށް މި ގެނެވެނީ. އިންޑިޔާ ސަރުކާރުން މިބުނަނީ އެމީހުންގެ ފެސްޓިވެލެއްގައި ފިޔާ ބޭނުން ކުރަން ޖެހޭތީ ފިޔާ ބޭރުކުރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް. ވަރަށް އުނދަގޫ ފިޔާ ގެންނަން،" އަބްދުﷲ ބުންޏެވެ.
އޭނާ ބުނީ ފިޔާގެ އަގު ކައިރި މުސްތަގުބަލެއްގައި ހެޔޮވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
"ޕާކިސްތާނުގެ ފިޔާ ދަނޑުތައް އެހުރީ ހަލާކުވެފައި. އެގައުމުން ފިޔާ ގެނެވޭކަށް ނެތް. ދެން މިޖެހެނީ އެހެން ގައުމަކުން ގެންނަން. އެހެންތަނަކުން ގެންނަންޏާ އަގުތައް ނުބައްދަލުވާނެ. ކިހިނެތް އެވަރުން މީހުން ގަންނާނީ،" އަބްދުﷲ ބުންޏެވެ.
މީގެ ހަފްތާއެއް ކުރިން ފިޔާ ކިލޯއެއްގެ ބާޒާރުގައި ހުރީ 20ރ. އާއި 25ރ. އާ ދެމެދު އަގުތަކެއް ގައެވެ. އެހެންކަމުން މިހާރު މާކެޓުގައި ފިޔާގެ އަގު ހުރި އަގަކީ 15ރ. ބޮޑު އަގެކެވެ. އާންމު ގޮތެއްގައި ފިޔާގެ އަގުތައް މައްޗައް ދަނީ ރޯދަމަހާ ދިމާ ކޮށެވެ.
ޑީޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން (ޑީއެންޕީ) ނެރެފައިވާ "މާލޭ ނޮވެމްބަރު 2010 ކޮންސިއުމާ ޕްރައިސް އިންޑެސް" (ސީޕީއައި) ބުނެފައިވާ ގޮތުން 2009 ޑިސެންބަރުން 2010 ނޮވެމްބަރުގެ ނިޔަލަށް މާލޭގެ އިންފްލޭޝަން ރޭޓު 6.02 ޕަސަންޓް މައްޗަށް ގޮސްފައި ވަނީ މައިގަނޑު ގޮތެއްގައި ކާބޯތަކެތީގެ އަގުތައް މައްޗައް ޖެހިފައި ވާތީ އެވެ.
މިދިޔަ ނޮވެމްބަރު މަހު ވެސް ފިޔާ ކިލޯއެއްގެ އަގު ވަނީ 5ރ. އަށް ބޮޑުވެފަ އެވެ. މި އަހަރު ފެށުނު އިރު ފިޔާ ކިލޯއެއްގެ އަގު އުޅެނީ 15ރ. އަށެވެ.
ރައީސް ނަޝީދު ރިޔާސީ ކެމްޕޭނު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ކާބޯތަކެތީގެ އަގު ނުއުފުލޭނެ ކަމަށް ރައްޔިތުންނަށް ވައުދުވެ ވަޑައިގެންފައިވެ އެވެ.