ލ. ގަން ތުނޑި، ވުޑުލޭންޑް، އަހްމަދު ނިޒާރު މާރަލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ކުއްޖާ އެކަމަށް އިންކާރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ މަޖިލީހަށް އެކުއްޖާ ހާޒިރުވީ ގާނޫނީ ވަކީލަކާ އެކު ކަމަށާއި މިއަދު ދައުލަތުން ދައުވާ އިއްވުމުން އެ ކުއްޖާ ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ދައުވާ އަށް ތަފްސީލީގޮތެއްގައި ޖާވާބުދާރީވެވޭނީ އެ މައްސަލައިގައި ހެމެނޭ ލިޔުންތައް ލިބުމުން ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށާއި ދައުލަތުން ސިއްރުކުރަން އެދިފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް އެ ކުއްޖާ އަށް ދުކުރާނެކަމަށެވެ.

އެ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ކުއްޖާގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ (15 ޖުލައި) ދަންވަރު 2:23 އެހައިކަންހާއިރު ގަމު ސިނާއީމަގުންދެކުނުން އުތުރަށް އަހްމަދު ނިޒާރު ދުއްވާފައި ދަނިކޮށް، އެމަގުގެ ދިރާގު އެންޓަނާ ހުންނަސަރަހައްދާ ކައިރިން، އެ ކުއްޖާއާ އިތުރު ބަޔަކު ލަކުޑިބުރިއާއި ދަގަނޑުބުރިން އޭނާ އަށް ހަމަލާދީފައިވާ ކަމަށެވެ. އެމީހުން ދިން ހަމަލާގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މަރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.