ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާއި އެންޓި ކެމްޕެއިން ނުކުރަން ސަމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގާނޫނުގައި ބުނެފައިވާ ގޮތުން، ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 ފެށިގެން ވޯޓު ނަގާ ދުވަހުގެ ހެނދުނު 6:00 އާއި ދެމެދު ކެމްޕެއިނުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.

"މި އިންތިހާބުގައި ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭ ފަދަ ނުވަތަ ތާއީދު ކުޑަވާ ފަދަ ނުވަތަ އިންތިހާބަށް ނުފޫޒު ފޯރަފާނެ އެއްވެސް އަމަލެއް 21 މާޗް 2014 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ފެށިގެން 23 މާޗް 2014 ވާ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސް ކުރަން،" އެ އިއުލާނުގައިވެ އެވެ.

ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ސީދާ ކެމްޕެއިން ކުރުމުގެ މައްސަލަތަކެއް ދިމާވި ނުވި ނަމަވެސް އެންޓި ކެމްޕެއިން ކުރުމުގެ ބައެއް މައްސަލަތައް ފެނިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފަ އެވެ.