19 Mar 2014, 12:52
ކުޑަކަމުދާ އެއްޗިދި ދިނުމަށް އިންކާރު ކުރި ކަމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ޖާބިރުގެ ފަރާތުން އެ ކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ނަޒަރު ކުރިއިރު، ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ޚުލާސާ ބަޔާން ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ޖާބިރަށް ދީފައިނުވާ ކަމަށް ބުނިނަމަވެސް، އެކަމަށް އެކަށީގެންވާ ވަގުތު ނުލިބިގެން އެވާހަކަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ޖާބިރު ވިދާޅުވެފައިނުވާ ކަމަށެވެ.
ހެކިބަސް ނާގާއިރަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށް ޖާބިރުގެ ފަރާތުން ހައިކޮޓުގައި ފާހަގަކުރިނަމަވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުމާ އެކު ހެކީންގެ ބަޔާންތައް އޭނައަށް އެ ކޯޓުން ދޫކޮށްފައިވާ ކަމަށެވެ. އަދި ހެކިބަސް ނަގާފައި ވަނީ އެ ބަޔާންތައް ދޫކުރިތަށް ދޫކުރުތާ އެތަކެއް ދުވަސްފަހުން ކަމަށްވާތީ، އެކަމަށް ވެސް އެކަށީގެންވާ ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ޖާބިރަށް އަނިޔާ ކުރިކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާއިރު، އަދި ޖާބިރާ ދެކޮޅަށް ހެކިބަސް ދިން ތިން ފުލުހުންނަކީ އޭނާ އަށް އަނިޔާ ކުރި މީހުންކަމަށް ބެލުމުގެ ފުރުސަތު އޮތް އިރު އެކަން ސާބިތުކުރުމަށް ފުރުސަތުދީފައި ނުވާ ކަމަށް ޖާބިރުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ވެސް ހުކުމްގައި ވަނީ ރައްދުދީފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާގޮތުން ޖާބިރަށް އަނިޔާ ކުރީ އެންމެ ފުލުހަކު ކަމަށާއި ނަމަވެސް އޭނައާ ދެކޮޅަށް ތިން ފުލުހަކު ހެކިބަސްދީފައިވާ ކަމަށެވެ. އަދި ޝަރީއަތަށް މައްސަލަ ސާބިތުކުރުމަށް ދެ ހެކީންގެ ހެކިބަސް ފުދޭ ކަމަށާއި އެހެންކަމުން އެތަނުން އެއް ފުލުހަކު ޖާބިރަށް އަނިޔާ ކުރިނަމަވެސް ބާކީ ތިބި ދެ ފުލުހުންގެ ހެކިބަހުން މައްސަލަ ޝަރީއަތަށް ސާބިތުކުރެވޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ޖާބިރުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިތަކާއި އިޖުރާއީ ނުކުތާތަށް ކޯޓުން ބަލައިގެންފައި ނުވަނީ އެ ކޯޓުން އެންގި މުއްދަތުއި ޖާބިރުގެ ފަރާތުން ހުށަހަޅާފައިނުވާތީ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ޝަރީއަތް ކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް ކަމާބެހޭ އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ކުޅުދުއްފުށީ ކޯޓާއި އޯޑިއޯ ކޮންފަރެންސްކޮށްގެން އެ މައްސަލައިގެ ހެކިބަސް ނެގުމުން ކުޑަކަމުދާއެއްޗިހި ދިނުމަށް އަންގާ ފޯމް ހެކީންނަށް ދައްކައި އެ ފޯމާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ޖާބިރަށްދީފައި ނުވާ ކަމަށް އޭނާގެ ފަރާތުން ވިދާޅުވާއިރު، އެގޮތަށް ހެކިބަސް ނުނެގުމަށް ކޯޓުގައި އެދިފައިނުވާ ކަމަށް ވެސް ހުކުމްގައި ވަނީ ބުނެފަ އެވެ.