ސައުދީ ކްރައުން ޕްރިންސް ސަލްމާން ބިން އަބުދުލްއަޒީޒު ރާއްޖޭގައި ޗުއްޓީހޭދަކުރި އަނަންތަރާ ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސާވިސްޗާޖްގެ ގޮތުގައި 2517 ޑޮލަރު (38812ރ.) ލިބިއްޖެ އެވެ.

އަނަންތަރާގެ އިސް މުވައްޒަފަކު މިއަދު ވަނީ ސަން އަށް އެކަން ކަށަވަރު ކޮށްދީފަ އެވެ.

ސައުދީ ފްރިންސް ރާއްޖެ އަށް މިދިޔަ ފެބުރިއަރީ، 28، އިން މި މާޗް، 12، ގެ ނިޔަލަށް އަނަންތަރާ ރިސޯޓްގައި އާއިލާއާއެކު ޗުއްޓީ ހޭދަ ކުރައްވާފައިވެ އެވެ.

ކްރައުން ޕްރިންސް ޗުއްޓީ ހޭދަކުރައްވާފައި ވަނީ އަނަންތަރާ ޗާޓާ ކޮށްގެނެވެ. އެސަރަހައްދުގެ ސެކިއުރިޓީ ވަރަށް ރަނގަޅު ކޮށްފައިވާ އިރު އަނަންތަރާގެ މުވައްޒަފުން އެދުވަސްވަރު ވަނީ މާލެ އައުންވެސް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

އެދަތުރުފުޅުގައި ސަލްމާން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ އަށް 1.5 މިލިއަން ޑޮލަރުގެ އެހީ ދެއްވައިފަ އެވެ. އަދި ރާއްޖޭގެ އިސްލާމީ އެކިއެކި ކަންކަމަށް އެހީވެދެއްވުމަށް ޓަކައި އެއް މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ދެއްވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި 10 މިސްކިތް އާޅުއްވައި ދެއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.