"ބެޔަސް ނުބެޔަސް މަސްވެރިންނަށް ދިހަ ހާސްރުފިޔާ،" އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް ކަށަވަރު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ކަމާބެހޭ ހުރިހާ ހިސާބުތަކެއް މިހާރު ނިމިފައިވާ ކަމަށާއި އެކަން ނުކުރެވި ލަސްވަމުން ދަނީ ފިޝަރީޒް މިނިސްޓަރު މިވަގުތު ރާއްޖޭގައި ނެތުމުން ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު މިވަގުތު ވަޑައިގެން އެގްޒިބިޝަނެއްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ބޮސްޓަން ގައެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނީ "ބެޔަސް ނުބެޔަސް" ސިޔާސަތަކީ މަސްވެރިންނާއި ސަރުކާރުން ހިއްސާވެގެން އުފެދޭނެ އިންޝުއަރަންސްގެ ނިޒާމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބެޔަސް ނުބެޔަސް މަސްވެރިންނަށް ފައިސާ ލިބޭ ސިޔާސަތުގެ މާނައަކީ ކޮންމެ މަސްވެރިއެއް ކަމެއް ނުކޮށް ގޭގައި ހުރީމަ ފައިސާ ލިބޭ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް މިކަން ބަޔާންކޮށްފައި އޮންނާނެ. އެކަން ކުރާނީ އިންޝުއަރަންސް ސްކީމެއްގެ ގޮތުގައޭ. އޭގެ މާނައަކީ ދެފަރާތުން ބައިވެރިގެން ކުރެވޭ ކަމަކަށް ވުން،" ޑރ. ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ދެމުން އަންނަ ސަބްސިޑީގެ ބަދަލުގައި "ބެޔަސް ނުބެޔަސް" ތައާރަފްކުރުމަކީ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ވެސް ދެމެހެއްޓެނިވި ސިޔާސަތެއް ކަމަށެވެ.