ނ. ހޮޅުދޫގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ކުޅިވަރު އެރީނާގެ ބިންގާ މިއަދު އަޅައިފި އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ 2000 މަތީގެ އާބާދީތައް ހުންނަ ރަށްރަށުގައި ކުޅިވަރު އެރީނާ އެޅުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.

"ސްޕޯޓްސް އެރީނާ އެޅުމުގައި އަޅުގަނޑުމެން އެ ރަށެއްގެ އިންފްރާސްޓްރަކްޗާ ގާއިމްވެފައި ހުރި މިންވަރަށް ވެސް ބަލަން. އެގޮތުން ހޮޅުދޫގައި މިހާރު ވެސް ފުދޭ ވަރަށް އިންފްރާސްޓްރަކްޗާ ގާއިމްވެފަ ހުރީ،" މަލީހް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހޮޅުދޫގައި އަޅާ ކުޅިވަރު އެރީނާގައި ފުޓުބޯޅަ އާއި ބަށި ވެސް ހިމެނޭ ގޮތަށް ދުވާލު އަދި ރޭގަނޑު ވެސް ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހުންނާނެ ކަމަށެވެ.

"ވަރަށް ހިތްގައިމު މާހައުލެއްގައި ދުވާލު އަދި ރޭގަނޑު ވެސް ކުޅިވަރު ކުޅެވޭނެ ގޮތަށް އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ޗާޓު އަލުން މި ކުރަހަނީ ޒުވާނުންނާ ވެސް ގުޅޭ ގޮތަށް،" މަލީހު ވިދާޅުވި އެވެ.