19 Mar 2014, 12:06
ފިނޭންސް މިނިސްޓްރީގެ ބަޖެޓުން 2012 ވަނަ އަހަރު ގާނޫނާ ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 96 ވަނަ މާއްދާ އާއި ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 2 ވަނަ މާއްދާގެ އިތުރުން 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4.06 ވަނަ މާއްދާއާއި ހިލާފަށް އެ މިނިސްޓްރީން 2012 ވަނަ އަހަރު އެކި ކަންކަމަށް ހަރަދުކޮށްފައިވާކަން އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން އެނގޭ ކަމަށެވެ.
އެގޮތުން ސަރުކާރުން ހިންގާ ކުންފުނިތަކަށް ކެޕިޓަލް ފައިސާ ދޫކުރެއްވުމަށް ޓަކައި ހާއްސަ ބަޖެޓްގައި 30،420،000 ރުފިޔާ ކަނޑައަޅުއްވާފައިވާ އިރު، 2012 ވަނަ އަހަރު ހާއްސަ ބަޖެޓްގެ އެ ކޯޑުން ޖުމްލަ 858،560،068 ރުފިޔާ ސަރުކާރުން ހިންގާ ބައެއް ކުންފުނިތަކަށް ހަރަދުކޮށްފައިވާކަން އެނގޭ ކަމަށެވެ.
އޭގެ އިތުރުން އެ މިނިސްޓްރީން ބަލަހައްޓަވާ ހާއްސަ ބަޖެޓްގެ ކޯޑު ނަންބަރު 441002 އިން ޖުމްލަ 858،560،068 ރުފިޔާ 2012 ވަނަ އަހަރު ހަރަދުކޮށްފައިވާ އިރު މީގެ ތެރެއިން 840،675،075 ރުފިޔާ އަކީ ކުންފުނިތަކުގެ ކެޕިޓަލް ދޫކުރެއްވުމުގެ ބަދަލުގައި ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި މުވައްޒަފުންގެ މުސާރައާއި ކުންފުނިތަކުން އެހެނިހެން ރިކަރަންޓް ހަރަދަށް ދޫކުރައްވާފައިވާ ފައިސާ ކަމަށް ވާތީ އެއީ ވެސް ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ވަޒީފާ ދެއްވުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ވަކި ފަރުދަކަށް ފައިދާވާގޮތަށް އަމަލުކޮށްފައި ވުމާއި ސަރުކާރުގެ އެކި ކުންފުނިތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 256،925،359 ރުފިޔާ ދައުލަތަށް ލިބިފައި ނުވާ ކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.