19 Mar 2014, 11:59
އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ލިބޭނެ ގޮތް ހޯދައި ދިނުމުގެ ގޮތުން އޭޑީކޭއިން ހދ. ކުޅުދުއްފުށީގައި ގާއިމްކުރި ކޯލް ސެންޓަރުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ހުޅުވި މި ކޯލް ސެންޓަރަކީ 24 ގަޑިއިރު ހިދުމަތްދޭ ސެންޓަރެކެވެ.
އޭޑީކޭގެ މެޖޭނަރު ޑައިރެކްޓާ އަހުމަދު އައްފާލް ސަން ވިދާޅުވީ އެފަދަ ސެންޓަރެއްގެ ގާއިމް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އޭޑީކޭ 3313553 އަށް ގުޅައިގެން ފޯނަށް ޖަވާބު ނުދޭ ކަމަށް ބުނެ އާއްމު ގިނަ ބައެއްގެ ފަރާތުން ލިބެމުން އަންނަ ޝަކުވާތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ އޭޑީކޭގެ ހިދުމަތް ހޯދުމަށް މިހާރު ގުޅާ ކޮންމެ ފަރާތެއްގެ ވެސް ކޯލް ސީދާ ކަނެޓްވާނީ މި ސެންޓަރާ ކަމަށާއި ޑޮކްޓަރުންނަށް އެޕޮއިންމަންޓް ހެއްދުމާއި އެކިއެކި މައުލޫމާތު މީގެފަހުން ސާފުކޮށްދޭނީ އެ ސެންޓަރުން ކަމަށެވެ.
"މި ސެންޓަރު ހެދުމަށް ހިޔާލު ކުރީ އޭޑީކޭ އަށް ގުޅާ ފަރާތްތަކަށް ވީހާ ވެސް އަވަހަށް އެޓެންޑް ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ކުޅުދުއްފުށީގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުން. މީގެ އިތުރުން ވީހާ ވެސް ގިނަ ބަޔަކަށް ހޮސްޕިޓަލުން އެއް ފަހަރާ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ވެސް އަމާޒެއް،" އައްފާލް ވިދާޅުވި އެވެ.
އޭޑީކޭއިން މިހާރު ކުޅުދުއްފުށީގައި ހިނގަމުން އަންނަ "އޭޑީކޭ ކޯލް ސެންޓަރު" ގައި މިހާރު ޖުމްލަ 23 މުވައްޒަފުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.