މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ރާއްޖޭ އެތެރެކޮށްފައިވާ ކާބޯ ތަކެތީގެ ތެރެއިން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ގިނަ އަދަދެއްގެ ތަކެތި ކަސްޓަމްސްއިން ނައްތާލައިފި އެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދެ ފަހަރެއްގެ މަތިން ނައްތާލެވިފައިވާ ތަކެތީގެ ތެެރޭގައި ހިމެނެނީ އެކިފަހަރު މަތިން ރާއްޖެ އެތެރެކޮށްފައިވާ ސީފުޑްގެ ބާވަތްތަކާއި ޕޭސްޓްރީ އަދި ތަރުކާރީގެ ބާވަތްތައް ހިމެނޭ ކަމަށެވެ. އެތަކެތި ނައްތާލާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީންނާއި ޕަބްލިކް ހެލްތުން އެތަކެތި ބޭނުން ނުކުރެވޭނެ ކަމަށް ކަނޑައެޅުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނައްތާލެވުނު އެއްޗެހި [ކާބޯތަކެތި] ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. އެތަކެތި ނައްތާލާފައިވަނީ ސިއްހީ ގޮތުން ގެއްލުން ހުރި އެއްޗެހި ކަމަަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައެޅުން. އެގޮތަށް ކަނޑައަޅާ އެއްވެސް އެއްޗެއް ކަސްޓަމްސްއިން ދުލެއް ނުކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކަސްޓަމްސްއިން 587 ކާޓޫންގެ ކާބޯ ތަކެތި ނައްތާލާފައި ވަނީ އެތަކެތީގެ ވެރިފަރާތްތަކުގެ ހާޒިރުގައި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްގެ ބެލުމުގެ ދަށުގައި ހުންނަ ކާބޯތަކެތީގެ ތެރެއިން އެއްވެސް އެއްޗަކީ ސިއްހީ ގޮތުން އެކަށީގެންނުވާ ތަކެތި ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފިނަމަ އެތަކެތި ނައްތާލެވޭނެ ކަމަށް ކަސްޓްސްގެ ގަވާއިދުގައިވެ އެވެ.