އިއްދައިގައި އިންނަ އަންހެނުންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 500 ރުފިޔާ އިން 2000 ރުފިޔާ އަށް ބޮޑުކޮށް އަދި 18 އަހަރު ނުފުރޭ ދަރިންގެ ހަރަދަށް މަހަކު 450 ރުފިޔާ އިން 2000 ރުފިޔާ އަށް ބޮޑުކޮށްފި އެވެ.

އިއްދައިގައި ތިބޭ އަންހެނުންނާއި ދަރިންނަށް ކުރަން ޖެހޭ ހަރަދު ބޮޑުކޮށްފައި ވަނީ އާއިލާއާ ބެހޭ ގަވާއިދަށް ލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވައި، މަޖިލީހުން ގެނައި އިސްލާހަށް އަމަލު ކުރަން ފެށުމުންނެވެ. އާއިލާއާ ބެހޭ ގަވާއިދަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ މާޗް 26، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އާއިލާއާ ބެހޭ ގަވާއިދުގެ 63 ވަނަ މާއްދާގެ ހ. ގައި އިއްދައިގައި އިންނަ މީހުންނަށް 500ރ. ދޭންޖެހޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް ހޯމަ ދުވަހު ގަވާއިދަށް ގެނައި އިސްލާހެއްގައި ބުނެފައި ވަނީ އިއްދައިގައި އިންނަ މީހުންނަށް މަހަކު 2000 ރުފިޔާ އަށް ވުރެ މަދުނޫން އަދަދަކަށް ފައިސާ ދޭންޖެހޭނެ ކަމަށެވެ.

އެ ގަވާއިދުގެ 65 ވަނަ މާއްދާގެ ހ.ގައި ތިމާގެ ދަރިއަށް 16 އަހަރު ފުރެންދެން ނަގައިދެވޭނީ 450 ރުފިޔާ ކަމަށް ބުނެފައި އޮތް ނަމަވެސް ފަހުން ގެނައި އިސްލާހުގައި ބުނެފައި ވަނީ 18 އަހަރު ފުރެންދެން ދަރިފުޅަށް މަހަކު 2000 ރުފިޔާ އަށް ވުރެ މަދުނޫން އަދަދެއް ދޭންވާނެ ކަމަށެވެ.

މަހަކު ދޭ 2000 ރުފިޔާގެ އިތުރުން ތިމާގެ ދަރިފުޅުގެ ބޭސްފަރުވާ އާއި ކިޔެވުމާއި އަންނައުނުގެ ހަރަދު އެކަށީގެންވާ ގޮތެއްގެ މަތިން ދޭންޖެހޭނެ ކަމަށް ބުނެ އާއިލާއާ ބެހޭ ގަވާއިދުގެ 66 ވަނަ މާއްދާ ވެސް ވަނީ އިސްލާހުކޮށްފަ އެވެ.