ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ގަލަތަސަރާއީގެ ފަރާތުން ފެނުނީ "ވަރަށް، ވަރަށް ގޯސް" ކުޅުމެއް ކަމުގައި އެކްލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ފުރަތަމަ ލެގުގައި 1-1 ލަނޑުން ދެޓީމު އެއްވަރުވެ ނިމުމުން، ޗެލްސީގެ ދަނޑަށް ނުކުތް މެޗުގައި ގަލަތަސަރާއީ އިިން ކުއާޓާ އަށް ދަތުރުކުރަން ބޭނުންނަމަ އެޓީމަށް އޮތީ މެޗުގައި އެއް ލަނޑު ކާމިޔާބުކުރަން މަޖުބޫރުވެފަ އެވެ. ނަމަވެސް ގަލަތަސަރާއީ އަށް ޗެލްސީގެ ގޯލަށް ނުރައްކާ ނުކުރެވުނު އިރު، ލަނޑެއް ވެސް ކާމިޔާބުވެފައެއް ނުވެ އެވެ.

މެޗުގެ ކުރިން ޗެލްސީގެ ކުރީގެ ތަރި ޑިޑިއާ ޑްރޮގްބާގެ ވާހަކަތައް ކެނޑިނޭޅި ދެކެވުނު ނަމަވެސް ޑްރޮގްބާއަށް އޭނާގެ ކުޅުން ދެއްކިފައެއް ނުވެ އެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފުގައި ސެމުއެލް އެޓޫ އާއި ގޭރީ ކޭހިލްގެ ލަނޑާއެކު 3-1 ލަނޑުގެ އެގްރިގޭޓުން ޗެލްސީ ކުއާޓާ ފައިނަލަށް ދިއުމެވެ.

"އަހަރެމެންގެ ކުޅުން ވަރަށް، ވަރަށް ގޯސް،" މެޗަށްފަހު ވާހަކަ ދައްކަމުން މަންޗިނީ ބުންޏެވެ. "މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ފުރަސަތުތަކެއް ވެސް ހޯދީ ޗެލްސީ. އެންމެ ޝޮޓަކުން ގޯލެއް ވަނުމަކީ ވަރަށް ނުވާނެ ކަމެއް. ރަނގަޅު ޓީމަކަށް ވުމަށް އަހަރެމެން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ."

ފުރަތަމަ ލެގުގައި ގަލަތަސަރާއީ ދެއްކި ކުޅުން ދެވަނަ ލެގުގައި ނުދެއްކުމުން އެކަމާއި މެދު ޑްރޮގްބާ ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރެމެން ބޭނުންވީ ދެވަނަ ލެގުގައި ވެސް ފުރަތަމަ ލެގުގައި ދެއްކި ކަހަލަ ކުޅުމެއް ދައްކަން،" އައިވަރީ ކޯސްޓް ފޯވަޑް ބުންޏެވެ. "އަހަރެމެން އަދި މިދަނީ ދަސްކުރަމުން، ޓީމު ޒުވާންކަމުން މިހެން ވެދާނެ. ދެން އަހަރެމެން އުންމީދުކުރަންވީ އަންނަ ސީޒަނުގައި ކަންތައްތައް ތަފާތު ކުރުމަށް."