19 Mar 2014, 11:03
ކުރީގެ ބަޔާން މިއުނިކުގެ ރައީސް އުލި ހޯންސް ޖަލުން ނުކުންނަންދެން ބަޔާނުގެ ކޯޗުކަމުގައި ހުންނާނެ ކަމަށް އެކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ކުރީގެ ޖަރުމަނު ތަރި އަދި ބަޔާންގެ ރައީސް ޖަލަށްލުމަށް ހުކުމްކުރީ ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ސާބިތުވެގެންނެވެ. ހޯންސްގެ މައްޗަށް ޖަރުމަނުގެ ކޯޓަކުން އޮޅުވާލައިގެން 3.5 މިލިއަން ޔޫރޯ ޓެކްސް ފޮރުވާފައިވާ ކަމަށް ދައުވާކުރި އިރު، ކޯޓުގައި އޭނާ އެއްބަސްވީ އޮޅުވާލައިގެން 18.5 މިލިއަން ޔޫރޯ ފޮރުވިކަމަށެވެ. މި މައްސަލައާ ގުޅިގެން ޖަރުމަނުގެ ކޯޓުން ހުކުމްކުރީ ހޯންސް ތިން އަހަރާއި ބައިގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.
ބަޔާނުގެ ރައީސްކަމުން އިސްތިއުފާދިން ހޯންސް ޖަލަށް ދާން ޖެހުމުން އެކަމާ މެދު ހިތާމަކުރާކަމަށް ކުރިން ވެސް ބަޔާނުގެ ކޯޗު ބުނެފައިވެ އެވެ. ގާޑިއޯލާ ބުނީ، ބަޔާނު އަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ހޯންސް އެނބުރި އަންނަންދެން ކްލަބުގައި މަޑުކުރާނެ ކަމަށެވެ.
"ހޯންސް ޖަލުން ނުކުންނަންދެން ބަޔާނުގެ ކޯޗުކަމުގައި އަހަރެން ހުންނާނަން،" ކުރީގެ ބާސެލޯނާ ކޯޗު ގާޑިއޯލާ ބުންޏެވެ. "އަހަރެން ބޭނުންވަނީ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދޭން. އަހަރެން ބޭނުން ކްލަބުގައި ދެ އަހަރު ނުވަތަ ތިން އަހަރު ހުންނަން، އަހަރެންގެ ހުވަފެނަކީ ހޯންސް އަންނަންދެން ކްލަބުގައި ހުރުން. ހޯންސް ނެތް ނަމަ، މިހުރިހާ ކަމެއް މިގޮތަށް ނުވީސް."
ބަޔާންއާ އެކު ގާޑިއޯލާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާމީ 2016 ވަނަ އަހަރުގެ މެދު ތެރޭގަ އެވެ.