މާލޭގެ ކެއިން ބުއިމުގެ ހިދުމަތްތައް ދޭ ކެފޭ ފަދަ ތަންތަނާއި ފިހާރަތައް 24 ގަޑިއިރު ހިދުމަތް ދެވޭނެ ގޮތަށް އަލުން ހަމަޖައްސަން ނިންމަވާފައި ނުވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އުސްމާން ޝާކިރު މިއަދު ސަން އަށް ވިދާޅުވީ، ވިޔަފާރި ހުއްދަ ދޫކުރަން ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވީ ނަމަވެސް އެ އުސޫލުގެ ދަށުން އެއްވެސް ފިހާރައެއް ނުވަތަ ކެފޭއެއް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަކީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ހުއްދައެއް ދިނުމަށް އަދި އެ މިނިސްޓްރީން ނުނިންމާ ކަމަށެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު ރޭ "ސަން"އަށް ވިދާޅުވީ މާލޭގެ ކެއިން ބުއިމުގެ ހިދުމަތްތައް ދޭ ކެފޭ ތަންތަނާއި ފިހާރަތައް 24 ގަޑިއިރު ހިދުމަތް ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން މިހާރު ފާސް ކޮށްފައިވާ ކަމަށެވެ.

"މާލެ އަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެކި ގަޑިތަކުގައި އައިސް އުޅޭތަނެއް ވީމަ ގިނަ ރައްޔިތުން އެދޭ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން، އެހެންވެ އެ މަސައްކަތް ކުރަން މި ނިންމީ،" ސަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަށް ހުއްދަ ނެގުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ވާހަކަ ދެއްކުމަށް ވެސް ސިޓީ ކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ.

ކުރިން 24 ގަޑިއިރު ކެއިން ބުއިމުގެ ހިދުމަތްތައް ދޭ ތަންތަނާއި ފިހާރަތައް ވަކި ވަގުތަކަށް ބަންދުކުރަން ނިންމީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ. އެގޮތަށް ނިންމީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި އާމުން ހޭލާ އުޅޭ ވަގުތު މަދު ކުރުމަށް ކަމަށް އޭރު އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.