މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތުގައި މާލެގައި ހަރަކާތެރިވުމަށް 1500 މީހުން ހޯދުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ފަށައިފި އެވެ.

ބޯހިމެނުމަށް މީހުން ހޯދުމަށް އެ ޑިޕާޓްމަންޓުން ކުރާ މަސައްކަތުގެ ދަށުން އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ބޭނުންވާ މުވައްޒަފުން "ވީއްލާ" ދިނުމަށް އެ ޑިޕާޓްމަންޓުން ވަނީ އޮފީސްތަކުގައި އެދިފަ އެވެ. އަދި އެހެންމެ ޗުއްޓީ ނަންގަވައިގެން އަމިއްލަ ގޮތުން އެ ކަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް އެ ޑިޕާޓްމަންޓުން ވަނީ އޮފީސްތަކުގައި އެދިފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 20 އިން 27 ވަނަ ދުވަހުގެ ނިޔަކަށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ބޯހިމެނުމުގެ ހަރަކާތްތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެތެރޭގައި ވެސް ވަނީ ހުޅުވާލާފަ އެވެ.

ބޯހިމެނުމުގައި ހަރަކާތްތެރިވާ މީހުނަށް ހާއްސަ އެލަވަންސްއެއް ދިނުމަށް ނިންމާފައިވާ އިރު އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ތަމްރީނެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ވަނީ ބުނެފަ އެވެ.