19 Mar 2014, 10:20
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އިނގިރޭސިވިލާތުގެ ޗެލްސީ އާއި ސްޕެއިންގެ ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.
ޗެލްސީ ކުއާޓާ އިން ޖާގަ ހޯދީ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ތުރުކީގެ ގަލަތަސަރާއީ އަތުން 2-0 ލަނޑުން މޮޅުވެ، 3-1 ލަނޑުގެ އެގްރިގޭޓަކުންނެވެ. މެޑްރިޑުން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ޖަރުމަނުގެ ޝާލްކޭ އަތުން 3-1 ލަނޑުން މޮޅުވެ، 9-2 ލަނޑުގެ އެގްރިގޭޓަކުންނެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗަށް ދެޓީމު ނުކުތީ ފުރަތަމަ ލެގުގައި 1-1 ލަނޑުން އެއްވަރުވުމަށް ފަހު އެވެ. މެޗުގެ ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓްގައި ޗެލްސީ އަށް ކާމިޔާބު ކޮށްދިނީ ކެމަރޫން ފޯވަޑް ސެމުއެލް އެޓޫ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ގެރީ ކޭހިލް އެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. މެޗުގައި ޗެލްސީން ގަލަތަސަރާއީ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ގަލަތަސަރާއީ އަށް ޗެލްސީގެ ގޯލަށް ހަމަލާއެއް އަމާޒުކުރެވިފައެއް ނުވެ އެވެ.
އަމިއްލަ ދަނޑުގައި ޝާލްކޭއާ ދެކޮޅަށް މެޑްރިޑް ނުކުތްއިރު، އެޓީމަށް އޮތީ ފަސޭހަ އިމްތިހާނެކެވެ. އެއީ ފުރަތަމަ ލެގުގައި 6-1 ލަނޑުން ރަށުން ބޭރުގައި ކުޅުނު މެޗުން މޮޅުވުމުންނެވެ. މެޗުގެ 21 ވަނަ މިނެޓްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑާއެކު މެޑްރިޑުން ލީޑު ނެގި އެވެ. ނަމަވެސް އޭގެ ދިހަ މިނެޓް ފަހުން ޓިމް ހޫގްލެންޑް ވަނީ ޝާލްކޭ އަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައި ވެއެވެ.
މެޑްރިޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 74 ވަނަ މިނެޓްގައި އެޓީމުން އަލުން ލީޑު ނެގި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮނާލްޑޯ އެވެ. އަދި އޭގެ މިނެޓަށް ފަހުން އަލްވާރޯ މޮރާޓޯ ވަނީ ލަނޑެއް ޖަހައި މެޑްރިޑަށް ލީޑު ފުޅާކޮށްދީފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގެ ފަހު ދެމެޗު މިރޭ ވެސް ކުރިއަށް ދާނެ އެވެ. އެގޮތުން މިރޭ އޮލިމްޕިއާކޯސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ނުކުންނައިރު، އަމިއްލަ ދަނޑުގައި ބޮރޫސިއާ ޑޯޓްމުންޑް ނުކުންނާނީ ޒެނިތު ސެއިންޓް ޕީޓާސްބާގްއާ ދެކޮޅަށެވެ. މި ދެމެޗު ވެސް ފެށޭނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:45 ގަ އެވެ.