19 Mar 2014, 10:07
ގެއްލިފައިވާ އެމްއެޗް 370 އަށް ވެދާނެ މަތިންދާބޯޓެއްގެ ބްލިޕްތަކެއް ތައިލެންޑްގެ މިލިޓަރީ ރާޑަރަށް ފެނުނު ކަމަށް އެގައުމުން ބުނެފި އެވެ.
އެމްއެޗް 370 ގެއްލުނު ދުވަހު އެބްލިޕްތައް ލިބުނު ނަމަވެސް އެކަން އަންގާފައި ނުވަނީ އެއަށް ސަމާލުކަމެއް ނުދެވުމުން ކަމަށް ތައިލެންޑްގެ ވައިގެ ސިފައިންގެ ސްޕޯކްސްޕާސަން ވައިސް މާޝަލް މޮންޓޯލް ސްކޫކޯންއާ ހަވާލާދީ އިންޑިއާގެ ދަ ހިންދޫ ނޫހުން ބުންޏެވެ.
ނަމަވެސް އެއީ އެމްއެޗް 370 ބޯޓް ކަމެއް ކަށަވަރު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"12.28ގައި ތައި މިލިޓަރީ ރާޑަރަށް ސިގްނަލެއް ލިބުނު. އެއީ އާދައިގެ ސިގްނަލެއް ނޫން. އެއީ އެމްއެޗް 370 ދަތުކުރި މިސްރާބުގެ އިދިކޮޅަށް ، ކުއާލަލަމްޕޫރާ ދިމާއަށް ދަތުކުރި ބޯޓެއްގެ ސިގްނަލް. އެބޯޓުން ފަހުން އަނބުރާލީ ކަނާތަށް، މަލަކާ ސްޓްރެއިޓްގައިވާ މެލޭޝިއާގެ ސިޓީއެއް ކަމަށްވާ ބަޓަވޯތާ ދިމާއަށް،" މޮންޓޯލް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އެމައުލޫމާތު މެލޭޝިއާ އަށް ކުރިން ނުދިނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވެފައި ވަނީ ތައި ރޯޔަލް އެއާފޯސް އިން ބަލަނީ އެގައުމަށް އޮންނަ ނުރައްކަލަކަށް އެކަނި ކަމަށެވެ.
"އެއީ އަހަރެމެން އެއަށް ސަމާލުކަމެއް (އޭރު) ނުދޭތީ. ތައި ރޯޔަލް އެއާފޯސް އިން ހަމަ އެކަނި ބަލާނީ އަހަރެމެންގެ ގައުމަށް އަންނަ ނުރައްކަލަކަށް،" އޭނާ ވިދާޅުވެފައި ވެއެވެ.