އިސްލާމީ ޤައުމުތަކުގެ އަންހެނުން ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އީރާނުން އެހީތެރިވާނެ ކަމަށް އެޤައުމުގެ އާ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަލީ އަކްބަރު ސާލިޙީ ވިދާޅުވެއްޖެ އެވެ. ތެހެރާންގައި އިއްޔެ ނިމުނު އިސްލާމީ ޤައުމުތަކުގެ އަންހެނުންގެ ތަރައްޤީއާބެހޭ ބައްދަލުވުން ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅަނގުގެ މުޖްތަމަޢުތަކުގައި އަންހެނުން ތަރައްޤީ ކުރުމުގެ ނަމުގައި އަންހެނުންނަށް އިހާނާތްކޮށް އަންހެނުންގެ ޝަޚްސިއްޔަތު ހަލާކު ކުރަމުން ގެންދާކަމުގަ އެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ޚާއްސަ މަޤާމާއި ދަރަޖަ، އެހެން އެއްވެސް ދީނެއް ގައި ދީފައިނުވާ ކަމަށާއި އިސްލާމް ދީނުގައި އަންހެނުންގެ ޙައްޤުތަކުގެ އިތުރުން އަންހެނުންނަށް ޚާއްސަ ރައްކާތެރިކަމަކާއި ޤަދަރުވެރިކަމެއްވެސް ދީފައިވާ ކަމަށް ވިދާޅުވިއެވެ. ބައެއް އިސްލާމީ މުޖްތަމަޢުތަކުގައި އަންހެނުންނާމެދު ބޭއިންސާފު ޢަމަލުތައް ހިންގުނު ނަމަވެސް މިކަމުން މާތްވެގެންވާ އިސްލާމްދީން ބަރީއަ ވެގެންވާ ކަމަށް ސާލިޙީ ވިދާޅުވި އެވެ. އަންހެނުންގެ ޙައްޤުތައް ގެއްލިފައިފައިވަނިކޮށް އެޙައްޤުތައް ހޯދައި ދީފައިވަނީ މާތްވެގެންޗާ އިސްލާމް ދީނުގައި ކަމަށްވެސް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.