މޮސްކޯ (މާޗް 19): ޔުކްރޭންގެ މައްސަލާގައި އެމެރިކާއިން ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްދު ދޭނެކަމުގެ އިންޒާރު ރަޝިއާ އިން ދީފި އެވެ.

ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ، ޔުކްރޭންގެ މައްސަލައިގައި އެމެރިކާގެ ފިޔަވަޅުތައް ބަލައި ނުގަނެވޭނެ ކަމަށާއި އެފިޔަވަޅުތަކަށް ރަޝިއާ އިން ރައްދު ދޭނެކަމުގެ އިންޒާރު އެމެރިކާގެ ހާރިޖީ ވަޒީރު ޖޯންކެރީއަށް ފޯނުގެ ޒަރީއާއިން ދީފައިވާނެ ކަމުގަ އެވެ. ނަމަވެސް އެމެރިކާގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާ އިން އެމެރިކާއާ ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅުތަކެއް ކަން ލާވްރޯވް ހާމަ ކުރައްވާފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ކްރައިމިއާ ސަރަހައްދު ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށް ހިންގަމުން ގެންދާ ހަރަކާތްތަކުގައި ޝާމިލްވާ ރަޝިއާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިކަން އިއުލާން ކުރައްވާފަ އެވެ. މީގެތެރޭގައި ހިމެނެނީ އެމެރިކާއަށް ވަނުމަށް ބޭނުންވާ ވިސާ ނުދިނުމާއި އެމެރިކާގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒްކުރުން ފަދަ އާދައިގެ ފިޔަވަޅުތަކެއް ކަމަށް ހަބަރުލިބެއެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައްއެޅި ރަޝިއާގެ މަސްއޫލުވެރިންގެ ތެރޭގައި ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު ޑިމިޓްރީ ރޮގޮޒިން އާއި ރަޝިއާގެ ޕާލަމެންޓްގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާ ކަމަށް ވެއެވެ.

ޔޫރަޕްގެ އިއްތިހާދުންވެސް ވަނީ ކްރައިމިއާގެ ވޯޓާ ގުޅިގެން ރަޝިއާގެ 21 މަސްއޫލުވެރިއެއްގެ މައްޗަށް ޝަހްސީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިކަން އިއުލާން ކޮށްފަ އެވެ. (ރޮއިޓާސް)