މޮސްކޯ (މާޗް 19) : ކްރައިމިއާ ރަޝިއާގެ އިއްތިޙާދުގައި ހިމެނުމަކީ އެސަރަހައްދުގެ ރައްޔިތުންނާއި ރަޝިއާގެ ހައްގެއް ކަމަށާ އެހައްގު އެއްވެސް ފަރާތަކަށް ނިގުޅައިނުގަނެވޭނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.

ކްރެމްލިންގެ ސެންޓް ޖޯޖް ހޯލްގައި ރަޝިއާގެ ސިޔާސީ އަދި ވިޔަފާރީގެ އިސްފަރާތްތަކާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޕޫޓިން ވަނީ ކްރައިމިއާ ރަޝިއާ ގެ ބައެއްގެ ގޮތުގައި ހެދުމާ ދެކޮޅަށް ހުޅަނގުން ގެންގުޅޭ ސިޔާސަތު ތަކަށް ގޮންޖައްސަވާ ވާހަކަ ދައްކަވާފަ އެވެ. މިގޮތުން އޭނާއަކީ ރަޝިއާގެ އުންމަތް ބާރުގަދަކޮށް ދުނިޔޭގެ ކަންކޮޅުތަކުގައިވާ ރަޝިއާގެ ރައްޔިތުންނާއި މަސްލަހަތުތައް ހިމާޔަތްކުރާ ވަތަނީ ލީޑަރެއް ކަމަށް ޕޫޓިން އޭނާގެ ޝަހްސިއްޔަތު ސިފަކުރެއްވި އެވެ.

މި ހިތާބަށްފަހު ޕޫޓިން އާއި ކްރައިމިއާގެ ޒައީމް ވަނީ ޔުކްރޭންގެ ދަށުގައިއޮތް ކްރައިމިއާ ސަރަހައްދު ރަޝިއާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ހިމެނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. ޕޫޓިން ވިދާޅުވެފައިވަނީ ކްރައިމިއާއަކީ އަބަދުވެސް ރަޝިއާގެ ސަރަހައްދެއް ކަމަށާ ކްރައިމިއާ މީގެފަހުން އޮންނާނީ ރަޝިއާގެ އިއްތިޙާދީ ދައުލަތުގެ ބައެއްގެ ގޮތުގައިކަމަށެވެ. އަދި އެއްވެސް ގައުމަކަށް އަދި ބައިނަލްއަގްވާނީ ފަރާތަކަށްވެސް މިކަން ބަދަލުނުކުރެވޭނެ ކަމުގަ އެވެ.

ޔުކްރޭނުން ވަކިވެ ރަޝިއާ އާއި ގުޅުމަށް ކްރައިމިއާގެ ރައްޔިތުން ނިންމާފައި ވަނީ މިމަހުގެ 16 ވަނަދުވަހު އެސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުްނެވެ. އެވޯޓުގެ ނަތީޖާއިން، ކްރައިމިއާގެ ރައްޔިތުންގެ 97 އިންސައްތަ، ރަޝިއާ އާއި ގުޅުމަށް އެދޭކަން ހާމަވެފައިވެ އެވެ. އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމާއެކު ރަޝިއާގެ ރައީސް ޕޫޓިންވަނީ ކްރައިމިއާ އަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް ރަޝިއާ އިއުތިރާފްވާކަން އިއްލާން ކުރައްވައި އެކަމާބެހޭ ރިޔާސީ ބަޔާނެއްގައި ސޮއިކުރައްވާފަ އެވެ.

ކްރައިމިއާ އަކީ 1954 ވަނަ އަހަރާ ހަމަޔަށް ރަޝިއާގެ ބައެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. އެސަރަހައްދު ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ރައީސެއް ކަމަށްވާ ނިކީތާ ޚުރުސްޗޯވް އެވެ. ޚުރުސްޗޯވް އަކީ ޔުކްރޭންގެ ދަރިކޮޅުގެ ބޭފުޅެކެވެ. އެދުވަސްވަރު ޔުކްރޭނާއި ރަޝިއާ އަކީވެސް ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނޭ ދެގައުމު ކަމަށްވާތީ އެދުވަސްވަރު މިކަން މައްސަލައަކަށް ވެފައެއްނުވެ އެވެ. 1954 ވަނަ އަހަރު ކްރައިމިއާ ޔުކްރޭންގެ ބައެއްގެ ގޮތުގައި ޚުރުސްޗޯވް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި އިއްޔެ ދެއްވި ހިތާބުގައި ޕޫޓިން ވިދާޅުވީ އެނިންމުމަކީ ރަނގަނޅު ނިންމުމެއް ނޫންކަމަށާ ރަޝިއާގެ ބައެއްގެ ގޮތުގައި ކްރައިމިޔާ ހަމަޖެއްސުމާބެހޭގޮތުން މިމަހުގެ 16 ވަނަ ދުވަހު ނެގި ވޯޓުގެ ނަތީޖާއިން އެކަން ހާމަވާކަމުގަ އެވެ.

ކްރައިމިއާ އަކީ މިނިވަން ދައުލަތެއް ކަމަށް ރަޝިއާ އިން އިއުތިރާފްވުމާއެކު ކްރައިމިއާ ރަޝިއާގެ ބައެއްގެ ގޮތުގައި އަލުން ހަމަޖެހިގެން ހިނގައްޖެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ކްރައިމިއާ، ރަޝިއާގެ އިއްތިޙާދީ ދައުލަތުގެ ބައެއްގެ ގޮތުގައި ހެދުމުގެ އެއްބަސްވުމުގައި ޕޫޓިންއާއި ކްރައިމިޔާގެ ރައީސް އިއްޔެ ސޮއިކުރި އެއްބަސްވުން ރަޝިޔާގެ ދުސްތޫރީ ކޯޓުން ފާސްކުރުމަށްފަހު އެ އެއްބަސްވުން ތަސްދީގުކުރާނީ ރަޝިއާގެ ޕާލަމެންޓުންނެވެ.

ކްރައިމިއާ ރަޝިއާގެ އިއްތިޙާދުގެ ޖުމްހޫރިއްޔާއަކަށް ހެދުމުގެ ގާނޫނީ މި މަރުހަލާތައް ފުރިހަމަކުރުމަށް ހަފުތާއެއްހާ ދުވަސް ހޭދަވާނެކަމަށް ކްރެމްލިން އިން ބުނެއެވެ. (ނޫސްއެޖެންސީތައް)