19 Mar 2014, 09:45
މެލޭޝިޔާގައި ބޭއްވި ޝޯއެއްގެ ތެރެއިން ހައްޔަރު ކުރި ދިވެހި ތިން ދަރިވަރުންގެ މައްޗަށް އެ ގައުމުން އިއްޔެ ދައުވާ ކޮށްފި އެވެ.
އިތުރު 22 މީހަކާ އެކު ދިވެހި ތިން ދަރިވަރުން މެލޭޝިޔާގައި ހައްޔަރު ކޮށްފައި ވަނީ "ދަ ފިއުޗާ މިއުޒިކް ފެސްޓިވަލް އޭޝިޔާ" ކުރިއަށް ދަނިކޮށް މަސްތުވާތަކެތީގެ އޯވާޑޯޒެއްވެގެން ތިން އަންހެނުން ހިމެނޭ ގޮތަށް ހަ މީހަކު މަރުވުމާ ގުޅިގެން އެ ޝޯގެ ތެރެއިންނެވެ.
މެލޭޝިޔާގެ ގައުމީ ނިއުސް އެޖެންސީގެ ބައެއް ކަމަށްވާ އޮންލައިން ނޫސް ބެރްނާމާ އިން ބުނެފައި ވަނީ ދައުވާ ކުރި ތިން ދިވެހިންނަކީ ފަޒާލް މުހައްމަދު، 24، އާއި ހަސަން އިބްރާހިމް ހައްޔާން، 20، އާއި އަހުމަދު ހައްޔާން މަޖީދް، 19، އެވެ.
ދިވެހި ތިން މީހުންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ނުރައްކާތެރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ކުށުގަ އެވެ.
ދިވެހި ތިން ދަރިވަރުން ވެސް އެމީހުންގެ މައްޗަށް މެލޭޝިޔާ ސަރުކާރުން އުފުލި ދައުވާ އަަށް އިންކާރުކޮށްފަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބަކީ ގިނަވެގެން ފަސް އަހަރަށް ޖަލަށްލުން އަދި ގިނަވެގެން 100،000 ރިންގެޓުން ޖޫރިމަނާ ކުރުމެވެ.
ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ދިވެހިންތަކެއް މެލޭޝިޔާގައި ހައްޔަރު ކުރި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.