19 Mar 2014, 09:28
އެތައް ހަފުތާއެއް ވާންދެން ތައިލެންޑުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތައް މަޑުމަޑުން ހުއްޓުމަކަށް އަންނަމުން ދިޔުމާ އެކު، އެ ގައުމުގައި އިއުލާން ކުރެވިފައި އޮތް ކުއްލި ހާލަތު ނިމުމަކަށް ގެންނާން ސަރުކާރުން ހަމަޖައްސައިފި އެވެ.
ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ ކުއްލި ހާލަތު ނިމުމަކަށް ގެނެވި، ދާހިލީ އަމްނާއި ސަލާމަތާ ބެހޭ ގާނޫނު މިއަދު ހިނގާން ފަށާނެ ކަމަށެވެ. ބޮޑުވަޒީރާ ވަނީ އިއްޔެ ބޭއްވުނު ކެބިނެޓުގެ ބައްދަލުވުމެއްގައި، ކުއްލި ހާލަތު ނިމުމަކަށް ގެނައުމުގެ ނިންމުން ތަސްދީގު ކުރައްވައިފަ އެވެ.
"މުޒާހަރާ ކުރާ މީހުންގެ އަދަދު މަދު ވެފައި ވުމާ އެކު، އަދި ވިޔަފާރިވެރީންގެ އިލްތިމާސްތައް ވެސް ގިނަ ވެފައި ވުމާ އެކު، އަހަރެމެން މިހާރު ވަނީ ކުއްލި ހާލަތު ނިމުމަކަށް ގެނެސް، ދާހިލީ އަމްނާއި ސަލާމަތުގެ ގާނޫނުގެ ދަށުން ކަންކަން ގެންދާން އެއްބަސް ވެފައި. ދާހިލީ އަމްނާއި ސަލާމަތުގެ ގާނޫނުގެ ބާރު ހިންގޭނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމަޔަށް." ރޮއިޓާޒް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން، ތައިލެންޑުގެ ނެޝަނަލް ސެކިއުރިޓީ ޗީފް ޕަރަޑޯން ޕައްތަނަތަބުތުރް ވިދާޅުވި އެވެ.
ތައިލެންޑުގައި 60 ދުވަހުގެ މުއްދަތަށް ކުއްލި ހާލަތު އިއުލާން ކުރެވުނީ އެގައުމުގެ ވެރިރަށް ބެންކޮކާއި ޝަހަރުގެ ވަށައިގެން އޮންނަ ސަރަހައްދުތަކުގަ އެވެ. ކުއްލި ހާލަތު އިއުލާން ކުރެވުނީ މިދިޔަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން، ގައުމުގެ ހަމަޖެހުން ނަގައިލާ ފަރާތްތަކާ ދެކޮޅަށް ސަރުކާރަށް ގިނަގުނަ ބާރުތަކެއް ލިބިދެ އެވެ.
ދާހިލީ އަމްނާއި ސަލާމަތާ ބެހޭ ގާނޫނު ހިންގާ އިރު ސަރުކާރަށް ލިބޭ ބާރުތަކުގެ ދާއިރާ، ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން ލިބިދޭ ބާރުތަކަށް ވުރެ ހަންޏެވެ. ނަމަވެސް އެ ގާނޫނުގެ ދަށުން ވެސް ކާފިއު ހިންގުމާއި، ޝަހަރުގެ ތެރޭގައި ސަލާމަތީ ޗެކްޕޮއިންޓުތައް ގާއިމު ކުރުމާއި، ބޭނުން ވެއްޖެ ހިނދެއްގައި މުޒާހަރާ ކުރާ ފަރާތްތައް ހުއްޓުވުމުގެ ބާރު ސަރުކާރަށް ލިބިދެއެވެ.
ތައިލެންޑުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ގެންދަނީ ބޮޑުވަޒީރާ ޔިންލަކް ޝިނަވަޓްރާ އިސްތިއުފާ ދެއްވުމަށް ގޮވާލަ އެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ތައި ސަރުކާރާ ދެކޮޅަށް މުޒާހަރާތަކާއި ހަރަކާތްތައް ހިންގަމުން އަންނަ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ޔިންލަކް ޝިނަވަޓްރާ ބޮޑުވަޒީރުކަމުގެ ގޮނޑިކޮޅުގައި އިންނެވިޔަސް، އޭނާގެ ފުރަގަހުގައި ހުންނަވައިގެން ގައުމު ހިންގަވާ ބޭފުޅަކީ އޭނާގެ ބޭބޭފުޅު، އަދި ތައިލެންޑުގެ ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް އިދިކޮޅު ފަރާތްތަކުގެ މަސައްކަތުން ވެރިކަމުން ވައްޓައިލެވުނު، ތަކްސިން ޝިނަވަޓްރާ އެވެ.
އިދިކޮޅު ފަރާތްތައް ބޭނުން ވަނީ ބޮޑުވަޒީރާ ޔިންލަކް ޝިނަވަޓްރާގެ ސަރުކާރު އުވާލައިފައި، "ރައްޔިތުންގެ ކައުންސިލެއް" އުފައްދައި އެ ވެރިކަން އެ ކައުންސިލާ ހަވާލު ކުރުމަށެވެ.
ވެއަތު ވެދިޔަ ހަފުތާތަކުގައި، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރި ވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ކުރީން ސަރުކާރުގެ ބައެއް ވުޒާރާތަކާއި ވެރިރަށް ބެންކޮކްގެ ބޮޑެތި މަގުތަކުގެ ކޮންޓްރޯލް ހޯދައިގެން އުޅުނު އިދިކޮޅު ފަރާތްތައް މިހާރު މައިގަނޑު ގޮތެއްގައި ތިބީ ޝަހަރުގެ ސެންޓާ ޕާކް ސަރަހައްދުގަ އެވެ.
މުޒާހަރާތައް ފެށުނު ފަހުން މަދުވެގެން 23 މީހުން މަރު ވެ، އެތައް ސަތޭކަ ބަޔަކު ޒަހަމް ވެފައި ވެއެވެ. މި މުޒާހަރާތަކަކީ 2010 ވަނަ އަހަރަށް ފަހު، ތައިލެންޑް ދެކެފައި ވާ އެންމެ ވަރުގަދަ ސިޔާސީ ހަމަނުޖެހުންތަކެވެ.