19 Mar 2014, 09:18
ޓެލްއަވީވު (މާޗް 19) : ބައިނަލްއަގްވާމީ ބޮޑެތި އަދި ސްޓްރެޓީޖިކް މައްސަލަތަކުގައި ގޮތްކިޔައި އެންމެފަހު ބަސްބުނުމުގެ ގާބިލްކަން އެމެރިކާގެ ކިބައިގައި ކުޑަވެ ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް އިސްރާއީލުން ބުނެފި އެވެ.
އިސްރާއީލުގެ ޓެލްއަވީވް ޔުނިވާސިޓީގައި ދެއްވި ލެކްޗާ އެއްގައި އިސްރާއީލުގެ ދިފާއީ ވަޒީރު މޯޝޭ ޔުއަލޫން ވިދާޅުވީ ދުނިޔޭގައި ހިނގަމުންދާ ބޮޑެތި އަދި ސްޓްރެޓީޖިކް މައްސަލަތަކުގައި އެމެރިކާއަށް ލީޑްރޯލު އަދާނުކުރެވޭ މަންޒަރު މިހާރު ފެންނަމުން ދާކަމަށެވެ. އަދި އީރާނުގެ ނިއުކްލިޔާ މައްސަލައާއި މިހާރު އުފެދިފައިވާ ޔުކްރޭންގެ މައްސަލައިގައިވެސް ފެންނަމުންދަނީ އެމެރިކާގެ ބާރާއި ނުފޫޒު ހީނަރުވެ އެމެރިކާ ފަހަތަށްޖެހޭ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލަކީ ޔޫރަޕުން ހިޖްރަކުރި ޔަހޫދީން ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަތުމަށްފަހު ހުޅަނގުގެ އެހީގައި ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުން އުފައްދާފައިވާ ގައުމަކަށްވާތީ، އިސްރާއީލުން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށާއި ދިފާއީ ކަންކަމުގައި ބަރޯސާވަނީ އެމެރިކާއަށެވެ. އެހެންކަމުން ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވަމުންދާ މައްސަލައަކީ އިސްރާއީލު ކަންބޮޑުވާނެ ކަމެއްކަމަށް އެގައުމުގެ ނޫހެއްކަމަށްވާ ޔަދިއޯތު އަހްރަނޯތު ބުނެ އެވެ.
ޔުއަލޫން ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދީ އީރާނުގެ ކިބައިން ނިއުކްލިޔާ ގާބިލްކަން ނައްތައިލުމުގައި އެމެރިކާ ވަރަށް ވަރުގަދަ އަސްކަރީ ދައުރެއް އަދާކުރާނެ ކަމަށް އުންމީދުކޮށްގެން، އިސްރާއީލު އޮތްކަމަށާ ނަމަވެސް އެދައުރު އަދާކުރާތަން އެމެރިކާގެ ކިބައިން ނުފެނުމުން އިސްރާއީލު މާޔޫސްވެފައިވާ ކަމުގަ އެވެ. މީގެބަދަލުގައި އެމެރިކާގެ ކިބައިން ފެންނަމުންދަނީ އީރާނުގެ ކުރިމަތީގައި ފަހަތަށްޖެހި އީރާނާއެކު ސުލްހައިގެ މޭޒުދޮށަށް ދިޔަ މަންޒަރު ކަމަށްވެސް އިސްރާއީލުގެ ހަރުކަށި ލީޑަރެއް ކަމަށްވާ ޔުއަލޫން ވިދާޅުވި އެވެ. އެހެންކަމުން އިސްރާއީލު އެކަނިވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުމާމެދު ވިސްނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޔުކްރޭންގެ މައްސަލައިގައިވެސް ރަޝިޔާ ބޭނުންގޮތަކަށް ކަންކަންކޮށް ނިންމަމުންދާއިރު އެމެރިކާ އޮންނަތަން ފެންނަނީ ހަމައެކަނި މަންޒަރު ބަލާ ގައުމެއްގެ ގޮތުގައި ކަމަށާ ރަޝިޔާއާ ދެކޮޅަށް މާބޮޑު ކަމެއްކުރަން އެމެރިކާއަށް ކެރުނު މަންޒަރު ފެނިގެންގޮސްފައި ނުވާކަމަށް ޔުއަލޫން ވިދާޅުވި އެވެ.
އެމެރިކާގެ ހާރިޖިއްޔާއިންވަނީ ޔުއަލޫންގެ މިވާހަކަތަކާމެދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އެމެރިކާގެ ހާރިޖިއްޔާގެ މަސްއޫލުވެރިއަކު ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ އިސްރާއީލު ފަދަ އެމެރިކާއާ ގާތް ގައުމެއްގެ އިސް މަސްއޫލުވެރިއަކު އެމެރިކާއާމެދު މިހާ ހަރުކަށިކޮށް އެމެރިކާގެ އަގުވައްޓާލާފަދަ ގޮތަކަށް ވާހަކަ ދައްކަފާނެ ކަމަށް ކުރިން ހީކުރެވިފައި ނުވާ ކަމަށާއި ޔުއަލޫންގެ ވާހަކަތަކާމެދު ހިތާމަކުރައްވާ ކަމުގަ އެވެ. (ރޮއިޓާސް)