19 Mar 2014, 00:30
އައްޑޫ ސިޓީގެ ހިތަދޫގައި އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިތަދޫގައި އެޅުމަށް ނިންމާފައި ވަނީ 100 އެނދުގެ ހޮސްޕިޓަލެއް ކަމަށާއި އެކަމަށް ފަންޑު ކުރަނީ ބޭރު ގައުމަކުން ކަމަށެވެ.
"ހިތަދޫގައި 100 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފަށަނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ހިތަދޫގައި ހުރި ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެތަނުގައި އާ އޮޕަރޭޝަން ތިއޭޓަރެއް އެޅުމުގެ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހިތަދޫގެ ނަރުދަމާގެ މަޝްރޫއު ގާއިމްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ލިބިފައި ކަމަށާއި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ހިތަދޫގައި އިސްލާމިކް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ވަނީ ބަޖެޓުގައި ހިމަނާފައި ކަމަށާއި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެ މަސައްކަތްނިމި އެ ސެންޓަރު ހުޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހިތަދޫގައި އިސްލާމިކް ސެންޓަރެއް އެޅުމަކީ އަޅުގަނޑުމެން ބަޖެޓުގައި ޖަހާފައި އޮތް މަސައްކަތެއް. އެ މަސައްކަތަށް ބޭނުންވާ ފައިސާ އެބަހުރި. އިރާދަކުރެއްވިއްޔާ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހިތަދޫ އިސްލާމިކް ސެންޓަރު ހުޅުވާނަމޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީ އަކީ އާބާދީ ބޮޑު އަދި ކުރިއަށް ދިޔުމުގެ ރޫހު އޮތް ސިޓީއެއް ކަމަށާއި އެ ސިޓީގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށެވެ.