އެމެރިކާގެ ސިޓީއެއް ކަމަށްވާ، ސީޓަލްގެ މަގުމައްޗަށް ހަބަރު ކަވަރުކުރަން ބޭނުންކުރާ ހެލިކޮޕްޓަރެއް ވެއްޓި ހިންގި އަލިފާނުގެ ހާދިސާއެއްގައި ހެލިކޮޕްޓަރުގައި ތިބި ދެ މީހުން މަރުވެ، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ސީޓަލްގެ އަލިފާން ނިއްވާ ޑިޕާޓްމަންޓްގެ ތަރުޖަމާން ކައިލް މޫރެ ބުނީ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ޓީވީ ސްޓޭޝަނެއްގެ މަތިން ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށާއި ހާދިސާ ހިނގި ސަރަހައްދަށް އެމަޖަންސީ ހިދުމަތްދޭ ފަރާތްތަކުން ދިޔައިރުގައި ވެސް ހެލިކޮޕްޓަރުގައި ތިބި ދެމީހުން މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ހެލިކޮޕްޓަރު މަގުމައްޗަށް ވެއްޓި، ހިނގި އަލިފާނުގެ ހާދިސާގައި ޕާކް ކޮށްފައި އޮތް ތިން ކާރަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް މޫރެ ވިދާޅުވި އެވެ. އަދި އެ އަލިފާނުގެ ހާދިސާގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، އޭނާގެ ގައިގެ 50 ޕަސެންޓް ފިހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީޓަލް ޕޮލިސްގެ ތަރުޖަމާން ޑިޓެކްޓިވް ރެނީ ވިޓް ބުނީ ހެލިކޮޕްޓަރު ވެއްޓުނު މައްސަލަ އެމެރިކާގެ ޓްރާސްޕޮޓޭޝަން ސޭފްޓީ ބޯޑާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން ތަހުގީގު ކުރާނެ ކަމަށެވެ.