މި މަހުގެ އަށް ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ މެލޭޝިއާ އެއާލައިންގެ މަތިންދާ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ފެނޭތޯ މިހާތަނަށް ބެލި ބެލުމުން، އަސްކަރީ އެއްވެސް ރާޑަރަކަށް އެ ބޯޓު ފެނިފައި ނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މެލޭޝިއަން އެއާލައިން އެމްއެޗް370 މަތިންދާ ބޯޓު ގެއްލުމާ ގުޅިގެން ރާއްޖޭގެ ސަރަހައްދު ބެލުމުގައި ހާއްސަ ސަމާލު ކަމެއް ދެމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން އެއްވެސް އަސްކަރީ ރާޑަރަކަށާއި ރާއްޖޭގެ އެއާޕޯޓްތަކުގައި ގާއިމުކޮށްފައިވާ ރާޑަރު ތަކުގެ ފޮޓޯ ތަކާއި މައުލޫމާތުތަކުން ވެސް އެ ބޯޓް ފެނިފައި ނުވާ ކަމަށް ގައުމީ ދިފާއީ ބާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުއާލަލަމްޕޫރުން ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް، ގެއްލިފައިވާ މެލޭޝިއާ އެއާލައިންގެ އެމްއެޗް370 މަތިންދާ ބޯޓް ހޯދުމަށް 26 ގައުމެއްގެ ކަނޑާއި ވައިގެ ސިފައިން ގުޅިގެން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިމަހުގެ އަށް ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ މެލޭޝިއާ އެއާލައިންގެ ބޯޓު ގެއްލުނު ދުވަހުގެ ހެނދުނު ދ. ކުޑަހުވަދޫ މަތިން، އާދަޔާ ހިލާފު ތިރިން ފްލައިޓެއް ދަތުރުކޮށްފައިވާ ކަމަށް ބުނެ ހަބަރު ފަތުރަމުން ދާތީ އެ ކަމުގެ ހަގީގަތް ހޯދަން ފުލުހުން ވެސް ވަނީ މަސައްކަތް ފަށާފަ އެވެ.

ކުޑަހުވަދޫ މަތިން އާދަޔާ ހިލާފު ތިރިން ފްލައިޓެއް ދަތުރުކުރި ކަމަށް، އެ ރަށުގެ ރައްޔިތުންނާއި ހަވާލާދީ ހަވީރު ނޫހުން ރިޕޯޓުކޮށްފައި ވަނީ އެ ބޯޓު ދަތުރު ކުރިލެއް ތިރިކަމުން ބޯޓުގެ ކުލަ ވެސް ވަރަށް ރަނގަޅަށް ފާހަގަވި ކަމަށް އެ ފްލައިޓް ފެނުނު މީހުން ބުނި ކަމަށެވެ.

މީގެ އިތުރުން އެ ބޯޓުގައި މެލޭޝިއާ އެއާލައިންސްގައި ހުންނަ ގޮތަށް ރަތް ފަށެއް ދަމައިފަ ހުރި ކަމަށް ވެސް އެރަށު މީހުންނާއި ހަވާލާދީ ބުނެފައިވެ އެވެ.

ކުއާލަލަމްޕޫރުން ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް، ގެއްލިފައިވާ މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ނަމްބަރު މަތިންދާބޯޓް އަށް ވީނުވީ އަދިވެސް ނޭންގުމެއްގެ ތެރޭގައިވާއިރު، އެބޯޓުން 239 މީހުން ދަތުރުކުރި އެވެ.