18 Mar 2014, 21:38
މާލޭގެ ކެއިން ބުއިމުގެ ހިދުމަތްތައް ދޭ ކެފޭ ތަންތަނާއި ފިހާރަތައް 24 ގަޑިއިރު ހިދުމަތް ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު މިރޭ "ސަން"އަށް ވިދާޅުވީ އެގޮތަށް ނިންމައި އެކަން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެ ކައުންސިލް އިން މިހާރު ފާސް ކޮށްފައިވާ ކަމަށެވެ.
"މާލެ އަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެކި ގަޑިތަކުގައި އައިސް އުޅޭތަނެއްވީމަ ގިނަ ރައްޔިތުން އެދޭ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން، އެހެންވެ އެ މަސައްކަތް ކުރަން މި ނިންމީ،" ސަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަށް ހުއްދަ ނެގުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ވާހަކަ ދެއްކުމަށް ވެސް ސިޓީ ކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ.
ކުރިން 24 ގަޑިއިރު ކެއިން ބުއިމުގެ ހިދުމަތްތައް ދޭ ތަންތަނާއި ފިހާރަތައް ވަކިވަގުތަކަސް ބަންދުކުރަން ނިންމީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ. އެގޮތަށް ނިންމީ މުޖުތަމައުގެ ހަމަޖެހުމަށް އާމުން ހޭލާ އުޅޭ މިންވަރު ދަށް ކުރުމަށް ކަމަށް އޭރު އިކޮނޮމިކް މިނިސްޓްރީއިން ބުންޏެވެ.