އަންނަ ހޮނިހުރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ބައެއް ކެންޑިޑޭޓުންނަށް ސޮއި ނުކުރިޔަސް، އިންތިހާބު ބޭއްވޭނެ ކަމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ލާފާ ދީފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ލަފާ ދީފައި ވަނީ ކެންޑިޑޭޓުން ސޮއި ނުކުރާ މައްސަލާގައި އިންތިހާބާ ބެހޭ ގައުމީ ކޮމެޓީގެ އިރުޝާދުގެ މަތިން އިލެކްޝަންސް ކޮމިޝުން ސުޕްރީމް ކޯޓަށް މިދިޔަ އާދީއްތަ ދުވަހު ފޮނުވި ސިޓީއެއްގެ ޖަވާބުގަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ކެންޑިޑޭޓުން ސޮއި ނުކުރާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހުއްދަ ވަނީ ދީފަ އެވެ. އެ ކޯޓުން ފޮނުވި ސިޓީގެ ތަފްސީލުތަކެއް އަދި ނުލިބެ އެވެ.

އެ ސިޓީގެ ތަފްސީލުތަކެއް އިލެކްޝަންސް ކޮމިޝަނުން ވެސް އަދި ހާމައެއް ނުކުރެ އެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިސަރު އައިޝަތު ޝިފާނާ އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް މީޑިއާ ހާމަ ކުރެވޭނީ މާދަމާ ބާއްވާ އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމަށްފަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފައި ނުވާ 16 ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން 13 ދާއިރާއަކަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނެވެ.

ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރަންޖެހެނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބަޔާން ކުރާ ގައިޑްލައިނާ އެއްގޮތަށް އާންމު އިންތިހާބުތަކުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ސޮއި ކުރަންޖެހޭނެ ކަމަށް ބުނެފައި ވާތީ އެވެ.

އެޓާނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން ގައިޑްލައިގައިވާ އެ މާއްދާ މާނަ ކުރުމަށްފަހު އިންތިހާބަށް އެއްބާރުލުން ދިނުމަށް ފުލުހުންނަށް ވެސް ވަނީ ލަފައެއް ދީފަ އެވެ.

އޭޖީ އޮފީހުގެ ލަފާގައި ވަނީ ހުރިހާ ކެންޑިޑޭޓުން ސޮއިކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށް ފަހު، ބައެއް ކެންޑިޑޭޓުން ސޮއި ނުކުރުމަކީ އިލެކްޝަންސް ކޮމިޝަން އެކަމުގައި އިހްމާލުވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިންތިހާބު ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށް ވެސް އޭޖީގެ ލަފާގައިވެ އެވެ.