މާލޭގެ އަވަށްތަކަކީ ސާފުތާހިރު ރީތި އަވަށްތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ހިންގަން ފަށާފައިވާ ޕްރޮގްރާމުގެ އެއްބަސްވުމަށް ޕީޕީއެމްގެ ކައުންސިލަރުން ފާޑު ކިޔައި ބަޔާނެއް ނެރެފައިވަނިކޮށް، އެކަމަށް ރައްދު ދެއްވައި އެމްޑީޕީގެ ކައުންސިލަރުން ބަޔާނެއް ނެރެފި އެވެ.

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ "ނަލަ ފެހި މާލެ" ޕްރޮގްރާމް ހިންގުމަށް ވެފައިވާ އެއްބަސްވުމަކީ "އޮޅުވާލުމެއްގެ ތެރެއިން ނިންމައި ސޮއިކުރައްވާ"ފައިވާ އެއްބަސްވުމެއް ކަމަށް ބުނެ މާލޭ ތިން ދާއިރާއެއްގެ ޕީޕީއެމްގެ ކައުންސިލަރުން އިއްޔެ ވަނީ ބަޔާނެއް ނެރުއްވާފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ބިގްއާއެކު ވެފައިވާ އެއްބަސްވުމުގައި "ނަލަ ފެހި މާލެ" ޕްރޮގްރާމްގެ ބަދަލެއްގެ ގޮތުގައި ނުވަތަ "ނާސަރީގައި ގަސް ހެއްދުމުގެ" ނަމުގައި މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ "ތައިސޭ ކޮށި"ގެ ދެ ބައިކުޅަ އެއްބައި ދޭގޮތަށް އޮޅުވާލައިގެން އެއްބަސްވެ ސޮއިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މާލެ ސާފުކުރުމަށް ގެންނަ ވެހިކަލްތައް ބަހައްޓާނެ ބިމެއް ދިނުމަށާއި މާލެ ސާފުކުރުމުގެ ޕްރޮގްރާމަށް ކުނި ކަހާނެ ބަޔަކު ހޯދައި އެ މީހުންނަށް އެކޮމޮޑޭޝަން ވެސް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް ޕީޕީއެމް ކައުންސިލަރުންގެ ބަޔާނުގައިވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބް އާއި ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހަ ކައުންސިލަރުން ސޮއިކުރައްވައި، ޕީޕީއެމްގެ ބަޔާނަށް ރައްދުދެއްވައި މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މާލެ ސާފުކުރުމުގެ މަސައްކަތުގައި ބިގްގެ ފަރާތުން ނެގުމަށް ހަމަޖެހިފައިވާ 100 މީހުންނަކީ ދިވެހިން ކަމަށް ވާތީ، އެ މީހުންނަށް ތިބޭނެ ތަނެއް ސިޓީ ކައުންސިލުން ދޭން ނުޖެހޭނެ ކަމަށެވެ. އަދި ކައުންސިލުން އެއްވެސް ބިމެއް އެއްވެސް ފަރާތަކަށް ދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް މިހާރުގެ ކައުންސިލުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބިގްއާ އެކު ވެފައިވާ އެއްބަސްވުމުގައި ހުރި ކަންތައްތައް އިސްލާހްކޮށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު އަލުން ބިގް އާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ބިގްއާ ހަވާލުކުރުމަށް ޕީޕީއެމްގެ ކައުންސިލަރުން ވެސް ތާއިދު ކުރެއްވި ކަމަށާއި އެގޮތަށް ނިންމައި އެ އެއްބަސްވުން ފާސްކުރީ ކައުންސިލްގެ އިއްތިފާގުން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.