18 Mar 2014, 16:35
މޮސްކޯ (މާޗް 18) : ޔުކްރޭންގެ ދަށުގައިއޮތް ކްރައިމިޔާ ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންދާ ކަމަށާ އެސަރަހައްދު ރަޝިޔާގެ އިއްތިޙާދުގައި ހިމެނުމުގެ އެއްބަސްވުމުގައި ރައީސް ވްލަޑިމޭރު ޕޫޓިން މިއަދު ސޮއިކުރައްވާނެ ކަމަށް ކްރެމްލިން އިން ބުނެފި އެވެ.
ކްރެމްލިންގެ ޕްރެސް އޮފީހުގެ މަސްއޫލުވެރިއަކު ވިދާޅުވީ ކްރައިމިޔާއަކީ މިނިވަން މުސްތަގިއްލު ވަކި ދައުލަތެއް ކަމަށް ރަޝިޔާއިން ރަސްމީ ސިފައެއްގައި އިޢުތިރާފްވެފައިވާ ކަމަށާ އެސަރަހައްދު ރަޝިޔާގެ އިއްތިޙާދުގައި ހިމެނުމަށް ޓަކައި ގާނޫނީ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވުމަށް ރަޝިޔާގެ ޕާލަމެންޓްގެ ޚާއްސަ ޖަލްސާއެއް ވެސް މިއަދު ބައްވާނެ ކަމުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކްރައިމިޔާ ރަޝިޔާގެ އިއްތިޙާދުގައި ހިމެނުމުގެ އެއްބަސްވުމުގައި ރައީސް ވްލަޑިމޭރު ޕޫޓިންއާއި އެސަރަހައްދުގެ އެންމެ އިސްވެރިޔާ ސޮއިކުރައްވާނީ މިކަމަށް ޓަކައި ރަޝިޔާގެ ޕާލަމެންޓުން ބާއްވާ ޚާއްސަ ޖަލްސާއެއްގަ އެވެ.
ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށް ކްރައިމިޔާގެ ރައްޔިތުން ނިންމާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުންނެވެ. އެވޯޓުގައި ރައްޔިތުންގެ 97 އިންސައްތަ ރަޝިޔާއާ ގުޅުމަށް އެދޭކަން ވޯޓުގެ ނަތީޖާއިން ހާމަވެފައިވެ އެވެ. މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ ކްރައިމިޔާއަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް ބުނާ ރިޔާސީ ބަޔާނެއްގައި އިއްޔެ ސޮއިކުރައްވާފަ އެވެ.
ކްރައިމިޔާ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް ރަޝިޔާ އިން އިޢްތިރާފްވުމުގެ ބޭނުމަކީ އެސަރަހައްދު ރަޝިޔާގެ އިއްތިޙާދުގައި ހިމެނުމަށް ގާނޫނީ ގޮތުން މަގުފަހިކުރުމުގެ ގޮތުންކަމަށް ރިޕޯޓްތައް ބުނެ އެވެ. ކްރައިމިޔާ ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންދާކަން ކްރެމްލިންއިން އިއުލާން ކުރުމަކީ މިކަން ނުކުރުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިޔާއަށް ދައްކަމުން ގެންދާ ބިރުތަކާއި އަޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިޔާއިން ސީދާގޮތެއްގައި ގޮންޖެހުން ކަމަށް މުރާސިލުން ވަނީ ސިފަކޮށްފަ އެވެ.
ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށް ކްރައިމިޔާގެ ރައްޔިތުން ނިންމި ނިންމުމާ ގުޅިގެން ރަޝިޔާއާއި ކްރައިމިޔާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް ޝަޚްސީ ގޮތުން ދަތިކުރުމުގެ ސިލްސިލާ ފިޔަވަޅުތަކެއް އެމެރިކާ ސަރުކާރުން އެޅިކަން ރައީސް ބަރަކް އޮބާމާ ވަނީ އިޢްލާން ކުރައްވާފައެވެ. މިފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ކްރައިމިޔާ ސަރަހައްދު ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށް ހިންގަމުންގެންދާ ހަރަކާތްތަކުގައި އެންމެ ބޮޑަށް ޝާމިލްވާ ރަޝިޔާއާއި ކްރައިމިޔާގެ މަސްއޫލުވެރިންނަށް ކަމަށް އޮބާމާ ވިދާޅުވިއެވެ. ދަތިކުރުމުގެ މިފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާއަށް ވަނުމަށް ބޭނުންވާ ވިސާ ނުދިނުމާއި އެމެރިކާގައިވާ އެބޭފުޅުންގެ ފައިސާގެ އެކައުންޓްތައް ފްރީޒްކުރުންފަދަ ވަރަށް އާދައިގެ ކަންތައްތައްކަމަށްވެއެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައްއެޅި ރަޝިޔާގެ މަސްއޫލުވެރިންގެ ތެރޭގައި ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ޑިމިޓްރީ ރޮގޮޒިން އާއި ރަޝިޔާގެ ޕާލަމެންޓް ކަމަށްވާ "ދޫމާ" ގެ ބައެއް މެންބަރުންގެ އިތުރުން މަގާމުން ދުރުކޮށްފައިވާ ޔުކްރޭންގެ ކުރީގެ ރައީސް ވިކްޓަރ ޔަނޮކޮވިޗް ހިމެނިވަޑައިގަންނަވާ ކަމަށް ވެއެވެ.ޔޫރަޕްގެ އިއްތިޙާދުންވެސް ވަނީ ކްރައިމިޔާގެ ވޯޓާ ގުޅިގެން ރަޝިޔާގެ 21 މަސްއޫލުވެރިއެއްގެ މައްޗަށް ޝަޚްސީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިކަން އިޢްލާންކޮށްފައެވެ.މިއީވެސް ވަރަށް އާދައިގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމަށް ޚަބަރުތައް ބުނެއެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ކެޓްރިން އެޝްޓަން ވަނީ އެއިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ރަޝިޔާގެ 21 މަސްއޫލުވެރިންނަކީ ޔުކްރޭންގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ފިޔަވަޅުތައް އެޅުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން ކަމަށް ސިފަކުރައްވާފައެވެ. (ނޫސްއެޖެންސީތައް)