18 Mar 2014, 16:25
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރަން ޖެހޭ މެންބަރުން މިއަދު އިންތިހާބުކޮށްފި އެވެ.
އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީގެ ބޯޑަށް އައްޔަންކުރަންޖެހޭ ހަތަރު މެންބަރުން އިންތިހާބް ކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ހަތަރު ދާއިރާއަކަށް 15 ކައުންސިލަރުން ވާދަކުރެއްވި ކަމަށެވެ.
އެގޮތުން އަތޮޅު ކައުންސިލްތަކުން އެލްޖީއޭގެ ބޯޑަށް ހަތަރު ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރި އިރު، ހއ. އާއި ހދ. އާއި ށ. އަތޮޅު ހިމެނޭ ގޮތަށް ދާއިރާ އެކެއްގެ މެމްބަރަކަށް އިންތިހާބް ކުރީ ހއ. އަތޮޅު ކައުންސިލް މެމްބަރު ހއ. އުތީމު، ހުސެއިން ނަސީރެވެ.
ނ. އާއި ރ. އާއި ބ. އާއި ޅ. އަތޮޅު ހިމެނޭ ގޮތަށް ދާއިރާ ދެ އަކަށް ރ. އަތޮޅު މެމްބަރު ރ. މީދޫ، އަންވަރު އިބްރާހިމް އިންތިހާބް ކުރި އިރު، ކ. އާއި އއ. އާއި އދ. އާއި ވ. އާއި މ. އާއި ފ. އާއި ދ. އާއި ތ. އަތޮޅު ހިމެނޭ ގޮތަށް ދާއިރާ ތިނަކަށް އިންތިހާބް ކުރީ މުލަކު އަތޮޅު ކައުންސިލް މެންބަރު މ. މުލީ، މޫސާ ނަސީރު އަހުމަދު އެވެ.
މީގެ އިތުރުން ލ. އާއި ގއ. އާއި ގދ. ޏ. އަތޮޅު ހިމެނޭ ގޮތަށް ދާއިރާ ހަތަރަކަށް އިންތިހާބް ކޮށްފައިވަނީ ލ. އަތޮޅު ކައުންސިލް މެމްބަރު ލ. ފޮނަދޫ އިބްރާހިމް ރަޝީދު އެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި 19 އަތޮޅަކުން ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ 130 ކައުންސިލަރުން ވޯޓު ލާނެ އެވެ.
ޖުމްލަ ނުވަ މެމްބަރުން ހިމެނޭ އެލްޖީއޭގެ ބޯޑަށް މިއަދު ހަތަރު ބޭފުޅަކު އިންތިހާބުވެވަޑައިގަތުމުން ކައުންސިލްތަކުން ބޯޑުގައި ތިއްބަވާނެ ހުރިހާ ބޭފުޅުންވަނީ ޔަގީންވެފަ އެވެ.
އެލްޖީއޭގެ ބޯޑުގައި މިހާރު ހިމެނެނީ އެ ބޯޑަށް ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރު ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމް އާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެންބަރު ސުޖާއު ހުސެއިން އާއި މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ މެންބަރު ޝަމާއު ޝަރީފްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައި ވަނީ އެ ކައުންސިލްގެ މެމްބަރު ހުސެއިން ހިލްމީ އެވެ.