ބީއެމްއެލްގައި ހުރި އެސްޓީއޯގެ ހުރިހާ ހިއްސާއެއް 33 މިލިއަން ރުފިޔާ އަށް ޗަންޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލައިފި އެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އަޒީމު މިއަދު ސަން އަށް ވިދާޅުވީ ބީއެމްއެލްގައި ހުރި އެސްޓީއޯގެ 200،000 އަށް ވުރެ ގިނަ ހިއްސާ ވިއްކާލާފައިވާ ކަމަށެވެ. އަދި އެ ހިއްސާތައް ވިއްކާލާފައި ވަނީ ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ކަމަށާއި ހިއްސާތައް ވިއްކާލީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުނީގެ ހިންގުން ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ.

"ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް އޯޕަން މާކެޓްގައި އެ ހިއްސާތައް ވިއްކާލާފައި ވާނީ، ހަމަ ބޭނުންވި ކޮންމެ ފަރާތަކަށް ވެސް ހިއްސާތައް ގެނެވޭ ގޮތަށް އެކަންތައް ކުރިއަށް ދިޔައީ،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯގެ ހުރިހާ ހިއްސާއެއް ވިއްކާލާފައި ވަނީ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުން ހިއްސާ ވިއްކުމަށް ކަނޑައާޅާފައިވާ އުސޫލުގެ މަތިން ކަމަށާއި އެ ކުންފުނީގެ ހިއްސާތައް ވިކިފައި ވަނީ ސްޓޮކް އެކްސްޗޭންޖަށް ލިތާ ދެ ހަފްތާ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.