ސްޕެނިޝް ލަލީގާގައި ކުރިއަށް އޮތް އެލް ކްލެސިކޯ މެޗުގައި ބާސެލޯނާގެ "މޮޅު ޓީމު" ފެންނާނެ ކަމަށް އުންމީދުކުރާ ކަމުގައި އެކްލަބުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބުނެފި އެވެ.

ލަލީގާގެ ތިންވަނައިގައި އޮތް ބާސާއިން އަންނަ އާދީއްތަ ދުވަހު ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުންނާނެ އެވެ. އަނިޔާއަށް ފަހު އެނބުރި އައުމަށްފަހު ރަނގަޅު ކުޅުމެއް ދެއްކުމަށް އުނދަގޫތަކަކާއި ކުރިމަތިލީ މެސީ ވަނީ އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ހަދައި ބާސާގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށް ވެފަ އެވެ.

މެޑްރިޑް ދަނޑުގައި ކުޅޭ މެޗަށް ބާސާ ނުކުންނަ އިރު، ލީގުގައި މެޑްރިޑާއި ހަމަހަމަ ކުރުމަށް ބާސާ އަށް ހަތަރު ޕޮއިންޓް ބޭނުންވާނެ އެވެ. މެސީ ބުނީ، ބާސާއިން މެޑްރިޑާއި ދެކޮޅަށް ނުކުންނާނީ މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.

"މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، ބާސާގެ މޮޅު ޓީމު ފެންނާނެ ކަމަށް އުންމީދުކުރަން. އަހަރެމެންނަށް މި މެޗުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ވެސް އުންމީދުކުރަން. އަހަރެމެން ބޭނުންވަނީ މެޗުން މޮޅުވެ، އެއް ޕޮއިންޓް ތަފާތަކާއެކު ލީގު ހޯދުމަށް މަސައްކަތްކުރަން. މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ." މެސީ ބުންޏެވެ.

މެޑްރިޑާއި ބާސާ ވާދަކުރާ މެޗު ކުޅެން ހަމަޖެހިފައި ވަނީ، އަންނަ އާދީއްތަ ދުވަހުގެރޭ ރާއްޖޭ ގަޑިން މެންދަމު 1:00 ގަ އެވެ.