18 Mar 2014, 14:35
އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން މޮޅުވެ، އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އިން ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މިއަދު މެންދުރު އިިންޑޮނޭޝިއާގެ މަންޑަލާ ސްޓޭޑިއަމްގައި ކުޅުނު މެޗުން ޕެރްސިޕޫރާ އަތުން ނިއު ބަލިވީ 3-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ލަނޑުން ޕެރްސިޕޫރާ ކުރީގައި އޮވެގެންނެވެ. ޕެރްސިޕޫރާގެ ފުރަތަމަ ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އިއަން ކޭބްސް އެވެ.
ޕެރްސިޕޫރާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ ދެލަނޑު ކާމިޔާބުކޮށް، ނިއުގެ އުންމީދުތަކަށް ހުރަސް އަޅައިފަ އެވެ. ޕެރްސިޕޫރާގެ ފަހު ދެ ލަނޑު ކާމިޔާބު ކޮށްދިނީ މަނުއެލް ވަންގައި އެވެ. ވަންގައިގެ ފުރަތަމަ ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ފެނުނުއިރު، ފަހު ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 67 ވަނަ މިނެޓްގަ އެވެ.
ގްރޫޕް އީގައި ކުޅުނު ތިން މެޗު ކުޅުނު ޕެރްސިޕޫރާ ހޯދި ހަތް ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިންޑިއާގެ ޗާޗިލް ބްރަދާސް އޮތީ ދެވަނައިގަ އެވެ. ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިންވަނައިގައި ނިއު އޮތްއިރު، ދެ މެޗުން ލިބުނު ޕޮއިންޓަކާއެކު ސިންގަޕޫރުގެ ހޯމް ޔުނައިޓެޑް އޮތީ ގްރޫޕްގެ އެންމެ ފުލުގަ އެވެ.