އިލެކްޝަންސް ކޮމިޝަން (އީސީ) ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކަށް އެ ކޮމިޝަނުގެ މެންބަރު މުހައްމަދު ފާރޫގު ހަމަޖައްސަވައިފި އެވެ.

އީސީގެ މީޑިޔާ އޮފިސަރު އައިޝަތު ޝިފާނާ އަހްމަދު މިއަދު ސަން އަށް ވިދާޅުވީ އެ ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ފާރޫގު ކަމުގައި ނިންމީ އިއްޔެ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ.

"ކޮމިޝަނުން އެ ގޮތަށް ނިންމާފައި ވަނީ އެ ކޮމިޝަނުގެ ގަވައިދުގެ 46 ވަނަ މާއްދާ އަށް ރިޔާއަތްކުރުމަށް ފަހު. އެ މާއްދާގައި ވޭ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އެ ކޮމިޝަނުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފި ހާލަތެއްގައި އެ ކޮމިޝަނުގެ ބައްދަލުންތަކުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ކަނޑައަޅަން ވާނެ ކަމަށް،" ޝިފާނާ ވިދާޅުވި އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައިސް އަހްމަދު ފަޔާޒް ހަސަން އެ ކޮމިޝަނުގެ މެންބަރު ކަމުން ވަކިވެފއިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން އެ ކޮމިޝަނުގައި މިހާރު ތިއްބެވީ ތިން މެންބަރުންނެވެ. އަދި ފުއާދު އާއި ފަޔާޒުގެ ބަދަލުގައި އެ ކޮމިޝަނަށް އައްުޔަން ކުރަން ފެންނަ މެންބަރުންގެ ނަންފުޅުތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ރައްޔިތުން މަޖިލީހަށް ފޮނުވައިފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ކަނަޑައަޅައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑުއްވާލައްވައިފި އެވެ.