ނޯޓް ނެގުމަށް ބޭނުންކުރާ މައިކްރޮސޮފްޓްގެ ސޮފްޓްވެއާ އެއް ކަމަށްވާ ވަން ނޯޓް، އައު ފީޗާ ތަކަކާ އެކު މެކް ކޮމްޕިއުޓަރު ތަކަށް ހިލޭ ދޫކުރަން ފަށައިފި އެވެ.

މިދިޔަ ހޯމަ ދުވަހު މައިކްރޮސޮފްޓް އިން ގެނައި މި ބަދަލަކީ ކުރިއަރަމުން އަންނަ އެވަރ ނޯޓް ސޮފްޓްވެއާއާ ވާދަ ކުރުމުގެ ގޮތުންގެނައި ބަދަލެއް ކަމަށް ހަބަރުތަކުން ބުނެއެވެ.

“ބޭނުންވަނީ ހުރިހާ ހުރަސްތަކެއް ނަގަން. އޭރުން މީހުން މީތި (ވަން ނޯޓް) ބޭނުން ކުރާ މިންވަރު އިތުރުވާނެ،” ވަން ނޯޓް ގެ ގްރޫޕް ޕްރޮގްރާމް މެނޭޖަރ ޑޭވިޑް ރަސްމުސެން ބުންޏެވެ.

އޮފްލައިންކޮށް ނޯޓްތައް ބަލައިލެވުން، އަދި ގިނަ ބަޔަކަށް އެއް ވަގުތެއްގައި ނޯޓްތައް އެޑިޓްކޮށް ބަދަލުކުރެވުން ފަދަ ފީޗާތަކަކީ އެވަރ ނޯޓްގައި ލިބެން ހުންނަ ފީޗާ ތަކެއް ނޫނެވެ. އަދި މައިކްރޮސޮފްޓްގެ ވަން ޑްރައިވް ކްލައުޑް ސްޓޯރޭޖް މެދުވެރިކޮށް ވަން ނޯޓް ބޭނުން ކުރާ ފަރާތްތަކަށް 7 ޖީބީ ކްލައުޑް ސްޓޯރޭޖް ޖާގަ ލިބޭ އިރު، އެވަރ ނޯޓް ބޭނުން ކުރާ ފަރާތްތަކަށް ލިބެނީ މަހަކު 60 އެމްބީ ގެ ޖާގައެވެ.

ނަމަވެސް ވަން ނޯޓްގައި އަލަށް ތައާރަފް ކުރި ބައެއް ފީޗާތަކަކީ އެވަރނޯޓް ގައި މިހާރުވެސް ހުރި ފީޗާތަކެވެ. މިސާލަކަށް ވަން ނޯޓް އާ ގުޅޭ ގޮތަށް ވެބް ބްރައުޒާ ތަކަށް “ކްލިޕަރ ބަޓަން” އެއް ވަނީ ތައާރަފް ކޮށްފައެވެ. މި ބަޓަން ބޭނުން ކޮށްގެން ވެބް ޕޭޖްތަކުގައި ހުންނަ ތަކެތި ނޯޓް ތަކުގެ ސިފައިގައި ވަން ނޯޓް އަށް އަޅާލެވެއެވެ. އަދި މިއާ އެކު ޔުނިވާސަލް އީމެއިލް އެޑްރެހެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. މީގެ ބޭނުމަކީ ވަން ނޯޓް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހައިން އެއްޗެހި ފޮނުވާލެވި، ބޭނުންވާ ނޯޓަތައް އެއް ތަނަކަށް ޖަމާކުރަން ފަސޭހަވުމެވެ.

މައިކްރޮސޮފްޓްގެ އެހެން ޕްރޮގްރާމްތަށް ކަމަށްވާ އައުޓްލުކް، އެކްސެލް އަދި ޕަވަރ ޕޮއިންޓް ހިމެނޭ އޮފީސް 365 ހޯމް ޕްރީމިއަމް ގަތުމުން 20 ޖީބީގެ ސްޓޯރޭޖް އާ އެކު ވަން ނޯޓް އެހެން ޕްރޮފްރާމް ތަކައި ގުޅާލެވުމުގެ ފުރުސަތު ވެސް ބޮޑުވެގެން ދެއެވެ.

މައިކްރޮސޮފްޓް އިން ވަން ނޯޓް އަށް މި ގެނައި ބަދަލަކީ އެ ކުންފުނިން ކްލައުޑް ސްޓޯރޭޖް އަށް އަހައްމިއްޔަތުކަން ދޭން ގެނައިބަދަލު ތަކެއް ކަމަށްބައެއް ފަރާތްތަކުން ސިފަކުރެއެވެ. އަދި މި ބަދަލަކީ ވިންޑޯސް ޕްލެޓްފޯމް ނޫން އެހެން ޕްލެޓްފޯމް ތަކަށް މައިކްރޮސޮފްޓްގެ ސޮފްޓްވެއަރ ތައް ހުޅުވާލުމަށް ގެނައި ބަދަލެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.