ހަފުތާއެއްގެ ތެރޭގައި ޔަހޫދީ ޑޮކްޓަރުން އައްޑޫގައި 340 މީހަކަށް ފަރުވާދީފައިވާ ކަމަށް އައްޑު އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.


އެ ހޮސްޕިޓަލުން ބުނީ އިޒްރޭލުން ރާއްޖެ އަށް އައިސްގެން އުޅޭ "އައި ފްރޮމް ޒިއޯން" ކިޔާ ޑޮކްޓަރުންގެ ޓީމުން މި މަހު 15 އިން 21 ގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ފަރުވާދިން އިރު 15 މީހެއްގެ ލޮލުގެ އޮޕަރޭޝަން ވެސް ކޮށްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.


އިޒްރޭލު ޑޮކްޓަރުން އައްޑޫން ފުރާފައި ވަނީ އިއްޔެ މެންދުރު އެވެ.


އައިޖީއެމްއެޗުގައި އިޒްރޭލު ޑޮކްޓަރުންގެ ޓީމުން ބެލި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 739 މީހަކު އެޕޮއިންޓްމަންޓް ހައްދަން އެދުނު ކަމަށާއި ނަމަވެސް އެޕޮއިންޓްމަންޓް ހެއްދުނީ 215 މީހަކަށް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ. ނަމަވެސް އެޕޮއިންޓްމަންޓު ހެއްދި މީހުންގެ ތެރެއިން އިޒްރޭލު ޑޮކްޓަރުންނަށް ދެއްކީ ކިތައް މީހުން ކަމެއް އެ ހޮސްޕިޓަލުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.


މި މަހު 9 ވަނަ ދުވަހު އިޒްރޭލު ޑޮކްޓަރުންގެ ޓީމުން އައިޖީއެމްއެޗުގައި ބަލަން އުޅުނު ނަމަވެސް އެ މީހުންގެ އެޕޮއިންޓްމަންޓުތައް ފަސްކުރީ އެ ދުވަހު މެޑިކަލް ކައުންސިލުން ހުއްދަ ނުދިނުމާ ގުޅިގެނެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން މި މަހު 11 ވަނަ ދުވަހު މެޑިކަލް ކައުންސިލުން ވަނީ އެމީހުންނަށް ރާއްޖޭގައި ބަލިމީހުން ބެލުމުގެ ހުއްދަދީފަ އެވެ.


އިޒްރޭލު ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އަށް އައުމާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ސިލްސިލާ މުޒާހަރާތަކެއްކޮށްފަ އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ވަނީ ހަތް ސިޔާސީ ޕާޓީ އަކާއި މަދަނީ އިއްތިހާދުގެ ފަރާތުން ބޮޑު މުޒާހަރާއެއްކޮށްފަ އެވެ. އެ މުޒާހަރާގައި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވެސް ބައިވެރިވެވަޑައިގަތެވެ.  


ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް ރައީސް ނަޝީދު ވަނީ މި މަހު 12 ވަނަ ދުވަހު އިޒްރޭލު ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރައްވައި އެމީހުން "ރާއްޖެ އަށް ފޯރުވައިދެމުންދާ އިންސާނީ ހިދުމަތަށް ރާއްޖޭގެ ގިނަ ބަޔަކު މަރުހަބާ ކިޔާކަމަށް" ވިދާޅުވެފަ އެވެ.


އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ މީހުން ބޭނުން ކުރާ "ޒިއޯން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައި ވަނީ "ޒިއޯން" މި ބަހުންނެވެ.