ޗެލްސީގެ ކުރީގެ ތަރި ޑިޑިއާ ޑްރޮގްބާ ކޮންމެވެސް ދުވަހަކުން ޗެލްސީއަށް އަލުން އެނބުރި އަންނާނެ ކަމަށް އެކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު 2012 ވަނަ ޗެލްސީ ދޫކޮށް ދިޔަ ފަހުން ޑްރޮގްބާ މިރޭ ގަލަތަސަރާއީ ޓީމާ އެކު ޗެލްސީގެ ދަނޑަށް ފުރަތަމަ ފަހަރަށް ނުކުންނާނެ އެވެ. އައިވަރީ ކޯސްޓް ފޯވަޑް ޑްރޮގްބާ އަކީ ޗެލްސީގެ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފައިވާ ކުޅުންތެރިއެކެވެ.

"ޑްރޮގްބާ އެނބުރި ގެނައުމަކީ އަހަރެންގެ އަތްމަތީ އޮތް ކަމެއް ނޫން. އެއީ ޗެލްސީގެ ކަމެއް. އަހަރެން ދެކޭ ގޮތުގައި، ކޮންމެވެސް ދުވަހަކުން ޑްރޮގްބާ ގެންނަން ޖެހޭ، އެއީ ކޮންއިރަކުން ކަމެއް ނޭނގޭ. ކްލަބަށް ގިނަ ހިދުމަތްތަކެއް ކޮށްދިން މީހަކު ޓީމަށް މަރުހަބާ ކިޔަން ޖެހޭނެ." މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، ޑްރޮގްބާ އަކީ ޗެލްސީގެ ތާރީހުގައި އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"ޝައްކެއް ނެތް ގޮތުގައި ޗެލްސީގެ ތާރީހުގައި ކްލަބުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ޑްރޮގްބާ ހިމެނޭނެ. އެކަމާއި މެދު ސަޕޯޓަރުން ވެސް އެއްބަސްވާނެ. ކްލަބުގެ އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނުމަކީ ހަމަހަމަ ކަމަކަށް ނުވެދާނެ." އޭނާ ބުންޏެވެ.

އަމިއްލަ ދަނޑުގައި ޗެލްސީ މިރޭ ގަލަތަސަރާއީއާ ދެކޮޅަށް ނުކުންނަ އިރު، ފުރަތަމަ ލެގުގައި މި ދެ ޓީމް ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 12:45 ގަ އެވެ.