މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލްގައި މަދުރަސަތުލް އަހުމަދިއްޔާ ބަލިކޮށް ށ. އަތޮޅު ތައުލީމީ މަރުކަޒު ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތޭރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުން ށ. އަތޮޅު ތައުލީމީ މަރުކަޒު ޗެމްޕިއަންކަން ހޯދީ ސީދާ ތިން ސެޓުންނެވެ. ށ. އަތޮޅު ތައުލީމީ މަރުކަޒުން މެޗުގެ ސެޓުތައް ގެންދިޔައީ 25-17، 25-22 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޖާޒީ ނަންބަރު 12 އިބްރާހިމް ސައިފް އެވެ.

ފައިނަލް މެޗަށް ފަހު، 19 އަހަރުން ދަށުގެ އެންމެ މޮޅު ހަ ކުޅުންތެރިން ހޮވައިފައިވެ އެވެ. އެންމެ މޮޅު ހަ ކުޅުންތެރިންގެ މަގާމަށް ހޮވުނީ ސީއެޗްއެސްއީގެ ހުސެއިން އާރިފް އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ މުހައްމަދު ނަޒީހް ރަޝީދު އާއި އަހުމަދިއްޔާގެ ހަސަން ނާޝިދު އާއި ށ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޝަރްފާން އާއި މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލްގެ އަހްމަދު ނާޔިފް އިސްމާއިލް އަދި ށ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ސައިފް އެވެ.

މި އުމުރު ފުރައިގެ ފިރިހެން ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ކޯޗު ހަސަން އަގްލީން އެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ. ސާދަ އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބ. ގޮއިދޫ ސްކޫލް ހޯދި އިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ. ސޯޅަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ.