18 Mar 2014, 12:30
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓިއޯ ހެޑް އޮފީހުން ފަޅާލައިގެން، 300،000 އަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްޓީއޯ ހެޑް އޮފީހުން ވައްކަން ކޮށްފައި ވަނީ ސެކިއުރިޓީ ގާޑަށް ތޫނު ހަތިޔާރުން ބިރު ދައްކައިގެން ކަމަށެވެ.
ސެކިއުރިޓީ ގާޑް ބަނުމަށް ފަހު އެތަނުން ވައްކަން ކޮށްފައިވާ ކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:20ހާއިރު އެ ތަނުގައި މަސައްކަތްކުރާ އެހެން މުވައްޒަފެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކުންފުނިން 300،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވަނީ އެތަނުގެ ތިޖޫރިއެއް ފަޅާލައިގެން ކަމަށެވެ.
އެސްޓީއޯގެ އެމްޑީ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ އެމީހުންނަށް މެއިން ތިޖޫރިއާ ހިސާބަކަށް ނުދެވޭނެ ކަމަށާއި ވަގަށް ގެންދިޔަސް ގެންގޮސްފައި ހުންނާނީ ޕެޓީ ކޭޝްތަކެއް ކަމަށެވެ.
އެކަމާ ގުޅިގެން އަދި މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.