18 Mar 2014, 12:34
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)،45،ގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ހުކުމް އިސްތިއުނާފު ކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހޯރަ އިއްބެގެ ގާނޫނީ ވަކީލު ވިދާޅުވީ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހޯރަ އިއްބެ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅީ މިއަދު ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ކުރި ދައުވާ އަށް އޭނާ އިންކާރު ކުރިނަމަވެސް، ފުލުހުން ގޮސް ކޮޓަރިތެރެއަށް ވަތް އިރު ހޯރައިއްބެއާ އަންހެން ކުއްޖާ އޮތީ އެނދުމަތީގައި ކަމަށާއި، އެ ދެ މީހުންގެ އަމަލުތައް ހުރިގޮތް ހެކީން ކިޔައިދީފައިވާ ކަމަށެވެ. އަދި ހެކީންގެ ހެކިބަހާއި ޝަރީއަތަށް ހުށަހަޅާފައިވާ ވީޑިއޯ އިން ފެންނަ މަންޒަރު ދިމާވާކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.