18 Mar 2014, 12:22
ހަލާލު ސެޓްފިކެޓް ދޫކުރުމުގެ ގޮތުން ބާއްވާ "ހަލާލު އެޝުއަރެންސް އޮފިސާ ސެޓިފައި" ކުރުމުގެ ފުރަތަމަ ކޯސް ފަށައިފި އެވެ.
ރާއްޖެއިން ހަލާލު ސެޓްފިކެޓް ދޫކުރުމުގެ ގޮތުން ބާއްވާ އެކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވަނީ ފެލިވަރު ފިޝަރީޒް މޯލްޑިވްސް އާއި އެންސިސް ފިޝަރީޒް އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެކޯހަކީ ހަލާލު ސެޓްފިކެޓް ދޫކުރުމުގެ ގަވައިދުގެ ދަށުން ހަލާލު ސެޓްފިކެޓް ދޫކުރެވޭ ކޮންމެ ކުންފުއްޏެއްގައި އެޝުއަރެންސް އޮފިސަރެއް ހުރުން ލާޒިމް ކުރާތީ ހިންގާ ކޯހެއް ކަމަށެވެ.
އެކޯހުގައި ދުނިޔޭގައި ހަލާލް އިންޑަސްޓްރީގެ މުހިންުކަމާއި އިސްލާމްދީނުގައި ހަލާލު މިންގަނޑު ދެނެގަންނާނެ ގޮތާއި ކާބޯތަކެތީގައި ހިމެނޭ ބާވަތްތައް ސައިންޓިފިކު ނަޒަރިއްޔާތުން ދިރާސާކުރާނެ ގޮތްތައް ކިޔައިދޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މަހުގެ އުފެއްދުންތައް "ހަލާލް" ސަޓިފައިކޮށް މެދުއިރުމަތީގެ ބާޒާރުތަކަށް ތައާރަފް ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ. ޑރ. ޝައިނީ ވިދާޅުވީ މި އަހަރުން ފެށިގެން ޔޫރަޕުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ނަގަން ފަށާއިރު، އެކަން ފޫބެއްދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށެވެ.
ޑރ. ޝައިނީ ވިދާޅުވީ މިހާތަނަށް އަރަބި ގައުމުތަކާއި އޭޝިޔާގެ މެލޭޝިޔާ ފަދަ ގައުމުތަކަށް ރާއްޖޭގެ މަސް ބޭރު ނުކުރެވެނީ ހަލާލް ސަޓިފައި ކުރެވިފައި ނުވާތީ ކަމަށެވެ.