18 Mar 2014, 12:15
މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ޝެއިހް އާދަމް ޝަމީމް ރ. އިންނަމާދޫގައި ދިން ދަރުހަކަށް ހުރަސް އަޅައި އެ ދަރުސް ހުއްޓުވަން އެރަށު ކައުންސިލަރަކު މަސައްކަތް ކޮށްފި އެވެ.
ޝައިހް ޝަމީމްގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން ދަރުސްދެމުން ދަނިކޮށް މީހަކު މިސްކިތަށް ވަދެގެން އައިސް އެއީ "ކައުންސިލްގެ ފަރާތުން" ކަމަށް ބުނެ އެ މައުޟޫއަށް ދަރުސް ނުދެއްވުމަށް އިންޒާރު ދެއްވަ އެވެ.
"ހަމަ މިހާރުން މިހާރަށް" ދަރުސް ހުއްޓާލުމަށާއި "ތިއީ ދަރުސް ދޭން އޮތް މައުޟޫއެއް ނޫން" ކަމަށް އިންޒާރެއްގެ ގޮތަށް އޭނާ ބުނާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. އެގޮތަށް އިންޒާރު ކުރުމުން ދަރުސް ކުރިއަށް ގެންދިޔުމުގެ ފުރުސަތަކަށް ޝަމީމް އެދިވަޑައިގަތުމުން ވެސް ދަރުސު ހުއްޓާލުމަށް އަންގައި އިންޒާރުދޭތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
އެ މީހާ އެގޮތަށް އިންޒާރު ދިނުމާ އެކު ޝަމީމް ވިދާޅުވީ އިސްފަރާތަކުން ވަކި މައުޟޫއަކަށް ދަރުސް ދިނުމަށް އަންގާފައި ނުވާ ކަމަށާއި މައުޟޫއަކީ "ގުރުއާނާއި ސުންނަތަށް އީމާންވުން" ކަމަށެވެ. އަދި އެގޮތަށް ވިދާޅުވުމަށްފަހު ޝައިޚް ޝަމީމް ވަނީ ދަރުސް ކުރިއަށް ގެންދަވާފަ އެވެ.
"އަޅުގަނޑު އެއަޑު ނާހާ ކުރިޔަށް ގެންދިޔައީ އޭނާއަކީ ކާކުކަން އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތް. އަދި ހުއްދަ ލިބިފަ އޮއްވަ މިސްކިތުގައި ކުރިޔަށް ގެންދިޔަ ދަރުސެއް ހުއްޓުވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އެ ބޭފުޅާ އަށް ނެތީމާ. އެހިސާބުން އޭނަ މިސްކިތުގެ މައިކް ކަނޑާލާފަ ނުކުތީ. އަޅުގަނޑު ހާޒިރުވެ ތިއްބެވި ބޭފުޅުން ނުކުތީ ދަރުސް ނިމިގެން." ޝައިހް ޝަމީމް ވިދާޅުވި އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޝައިހް ޝަމީމް ދަރުސް ކުރިޔަށް ގެންދެވުމުން އޭގެ ކުޑަ ވަގުތުކޮޅަކަށް ފަހު އެމީހާ އައިސް ދަރުސް ދޭން ބޭނުންކުރި މައިކް ކަނޑާލަ އެވެ. ނަމަވެސް ޝައިހް ޝަމީމް އެކަމާ އަޅާނުލައްވާ މިސްކިތުގައި ތިއްބެވި އެހެން މީހުންނާ އެކު ދަރުސް ފުރިހަމައަށް ނިންމަވާލެއްވި މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
އެކަމާ ބެހޭ ގޮތުން އިންނަމާދޫ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި ދަރުސް ހުއްޓާލަން އަންގާފައި ވަނީ އެ ރަށު ކައުންސިލަށް އަލަށް އިންތިހާބުވެފައިވާ ކައުންސިލްގެ މެންބަރެކެވެ.
ސަން އާ ވާހަކަ ދައްކަވަމުން ޝެއިހް ޝަމީމް ވިދާޅުވީ އީމާންވުމާ ގުޅޭގޮތުން އެރަށުގައި ދަރުސް ދިނީ އެ ރަށު ބަޔަކު އިންތިޒާމް ކޮށްގެންކަމަށާއި ދަރުސް ދިނީ ހުއްދަވެސް ނަގާފައި ވާކަމަށް އިންތިޒާމް ކުރި މީހުން ބުނުމުން ކަމަށެވެ.
ޝަމީމް ދަރުސް ދެއްވާފައި ވަނީ ޤުރުއާނާއި ސުންނަތުގައި ހުރި ހުކުމްތަކަށް އިމާންވުމާ ބެހޭ ގޮތުންނާއި އަދި ބައެއް ހުކުމް ގަބޫލުކޮށް އަނެއްބައި ހުކުމް ދޫކޮށްލުމުގެ ނުރައްކާތެރިކަމުގެ މައްޗަށެވެ.