ގެއްލިގެން ހޯދަމުންދާ އެމްއެޗް 370 ބޯޓް އޭގެ މަގުން ކައްސުވާލައި އެހެން ދިމާއަކަށް ގެންގޮސްފައި ވަނީ ކޮމްޕިއުޓަރެއްގައި އެކަން އެގޮތަށް ޕްރޮގްރާމްކޮށްގެން ކަމަށް އެމެރިކާގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީ އެގައުމުގެ ނިއުޔޯކްޓައިމްސް އިން ބުނެފި އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ކަމަށް އެ ނޫހުގައި ވަނީ، ބޯޓް އެގޮތަށް އަނބުރާލުމަށް ޕްރޮގްރާމް ކޮށްފައި ވަނީ ކޮކްޕިޓް ތެރޭގައި އިން، މަތިންދާބޯޓާ ބެހޭ އިލްމު ރަނގަޅަށް ހުރި މީހަކު ކަމަށެވެ. ނަމަވެސް ބޯޓް އެގޮތަށް އަނބުރާލުމަށް ޕްރޮގްރާމްކޮށްފައި ވަނީ ފުރުމުގެ ކުރިން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ކުއާލަލަމްޕޫރުން ބެއިޖިން އަށް ދަތުރުކުރަން އޮތް ބޯޓު އެހެން ދިމާއަކަށް އަނބުރާލީ ގަސްދުގައި ކަމަށް މެލޭޝިއާގެ އޮފިޝަލުން ބުނި ބުނުމަށް މިމައުލޫމާތުގެ ސަބަބުން ވަނީ އިތުރު ބާރެއް ލިބިފަ އެވެ.

ބޯޓް ރާޑަރުތަކަށް ގެއްލުވާލާފައި ވަނީ ގަސްދުގައި ކަން އެނގުނު ފަހުން ތަހުގީގުގެ މައިގަނޑު އަމާޒަކަށް ވެފައި ވަނީ ފަޅުވެރިންނާއި ޕެސެންޖަރުންނެވެ. ނަމަވެސް ބޯޓުން ދަތުރުކުރި އެންމެ ގިނަ މީހުން ނިސްބަތްވާ ގައުމުކަމަށްވާ ޗައިނާ އިން ބުނެފައި ވަނީ އެގައުމުގެ އެއްވެސް މީހަކާ މެދު ޝައްކު ނުކުރެވޭ ކަމަށެވެ. މެލޭޝިއާގައި ހުންނަ ޗައިނާގެ އެމްބެސެޑަރު ހާން ހޫކާން އެކަން މެލޭޝިއާ ސަރުކާރަށް އަންގަވާފައިވާ ކަމަށް ޗައިނާގެ ނޫސްތަކުން ބުންޏެވެ.