ކޭޝް ކާޑުން ވައްކަންކޮށްފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކޭޝް ކާޑުގެ ވެރިފަރާތަށް ނޭންގި އެކައުންޓުން ފައިސާ ނަގާފައިވާކަމަށްބުނެ އޮޅުވާލައި، ދޮގު މަޢުލޫމާތުދީ ބައެއް ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި އެގޮތަށް ދޮގު މައުލޫމާތު ދިން ބައެއް ފަރާތްތަކުގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވީ ކިތައް މީހުންގެ މައްޗަށް ކަމެއް ފުލުހުން ނުބުނެ އެވެ.

ވެރިފަރާތަށް ނޭންގި އެކައުންޓުން ފައިސާ ނަގާފައިވާ ކަމަށް ބުނެ ހުށަހަޅަމުންދާ މައްސަލަތަކުގެ ތެރޭގައި ވެރިފަރާތުގެ އެކުވެރިންނަށް ކޭޝް ކާޑުދީ އެކުވެރިން ލައްވައި ފައިސާ ނެގުމަށްފަހު ނުވަތަ ކޭޝް ކާޑުން ވިޔަފާރި ކުރުވުމަށްފަހު ހުށަހަޅާ މައްސަލަތަކާއި ގޭގޭގައި ގެންގުޅޭ ކުދިން، އެކުދިން ބަލަހައްޓަމުންދާ މީހުންނަށް ކޭޝް ކާޑުދީ ފައިސާ ނެގުމަށްފަހު ނުވަތަ ކޭޝް ކާޑުން ވިޔަފާރި ކުރުވުމަށްފަހު އެފައިސާ ނަގާފައިވަނީ ވެރިފަރާތަށް ނޭގިކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

ދޮގު މަޢުލޫމާތުދީގެން ފުލުހުންނަށް ހުށަހަޅާ އެފަދަ މައްސަލަތަކުގެ ތަހުގީގުގައި ކޭޝް ކާޑު ބޭނުން ކޮށްގެން ފައިސާގެ މުއާމަލާތް ހިންގާފައިވާ ވީޑިއޯ ފްޓޭޖް ދެއްކުމުން، އޭގެން ބައެއް ފްޓޭޖްތަކުގައި ކޭޝް ކާޑުގެ މުއާމަލާތް ހިންގާ ވަގުތު ކާޑުގެ ވެރިފަރާތް އޭޓީއެމްގެ ބޭރުގައި މަޑުކޮށް ހުންނަ މަންޒަރު ފެންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ދިން ކަމަށް އިއުތިރާފު ވެސް ވެފައިވާ ކަމަށެވެ.

ވެރިފަރާތަށް އެގުމަކާ ނުލައި ކޭޝް ކާޑުން ފައިސާ ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެނަމަ އޭޓީއެމް ތަކުގެ ވީޑިއޯ ފްޓޭޖާއި ކާޑް ބޭނުން ކޮށްގެން ވިޔަފާރި ކޮށްފައިވާނަމަ އެފިހާރައެއްގެ ވީޑިއޯ ފްޓޭޖް ނަގާ ވީޑިއޯތައް އެނަލައިޒް ކުރެއެވެ.

ފުލުހުންނަށް ހުށަހެޅޭ އެފަދަ މައްސަލަތަކުގައި ކޭޝް ކާޑުން ވިޔަފާރި ކޮށްފައިވާ ފަރާތްތަކީ ކާކުކަން ދެނެގަނެވޭ ގޮތް ނުވެއްޖެނަމަ އެ މީހަކު ހޯދުމަށް ވީޑިއޯ ފުޓޭޖް ވެސް އާންމުކުރެ އެވެ.