22 Dec 2010, 04:27
ނިއުކްލިޔަރ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިފައިވާ މެދުރާސްތާގެ ބެލަސްޓިކް މިސައިލެއް ޕާކިސްތާނުން ތަޖްރިބާކޮށްފި އެވެ. ޕާކިސްތާން ސިފައިންގެ ސްޓްރެޓީޖިކް ކޮމާންޑުން މި މިސައިލް ތަޖްރިބާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ބައިވެރިވެ ވަޑައިގެންނެވި އެވެ. ސްޓްރެޓީޖިކް ކޮމާންޑުން ބުނީ މިތަޖްރިބާ ކާމިޔާބު ކަމަށާއި މިސައިލް އޭގެ އަމާޒަށް ވާސިލްވި ކަމުގަ އެވެ. މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވީ ނިއުކްލިޔަރ އައްޑަނައެއް ޕާކިސްތާނުން ބިނާކޮށްފައިވަނީ އެޤައުމުގެ އަމިއްލަ ދިފާޢުގައި ކަމުގަ އެވެ. އަދި އެއްވެސް ޤައުމަކަށް އިސްވެ ޙަމަލާދީ ގޯނާއެއް ކުރުމަކީ ޕާކިސްތާނުގެ ސިޔާސަތު ނޫން ކަމަށްވެސް ގީލާނީ ވިދާޅުވި އެވެ.