19:00


އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެކޮޅުގެ ކައިރިއަށް އެއްވެ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވައި މިއަދު މުޒާހަރާކޮށްފި އެވެ.


ހެންވޭރު އިބްރާހިމް މިސްކިތް ކުރިމަތީގައި ހުންނަ 10 ބުރީގެ ހ. ރަބީއީމަންޒިލް ކައިރިއަށް މިއަދު ހަވީރު ގިނަ ބަޔަކު އެއްވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިސްތިޢުފާއަށް ގޮވަމުން އަޑުގަދަ ކުރަމުން ދަނިކޮށް ޑީއާރުޕީއަށް ނިސްބަތްވާ ބަޔަކު ވެސް އެ ސަރަހައްދަށް ގޮސް އެ މީހުންނާ ދެކޮޅަށް ވަނީ އަޑުއުފުލައިފަ އެވެ. އަދި ދެބައި މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގައި މާރާމާރީ ވެސް ހިނގައިފައެވެ.


ރައްޔިތުންގެ މަޖިލީސްގެ ރައީސްގެ ގެކޮޅު ސަރަހައްދަށް އެއްވި ޑީއާރުޕީއަށް ނިސްބަތްވާ މީހުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާތީ އެކަމާ ގުޅިގެން ހިތްހަމަޖުހެނުން ފާޅުކޮށް ޑީއާރުޕީން މިއަދު ބޭއްވި ހިންގާލުން ނިންމާލާފައި އާޓިފިޝަލް ބީޗް ސަރަހައްދަށް ދިޔަ މީހުންނެވެ.


ފުލުހުންގެ ސްޕެޝަލް ފޯސް ލޯރިއެއްގައި އެ ސަރަހައްދަށް ދިއުމުގެ ކުރިން، އެ ހަމަނުޖެހުން ވަނީ ކޮންޓްރޯލްވެ، ރޫޅިފަ އެވެ.